02 Feb 2016, 22:00
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މަޖިލީހުގެ އަމީން އާއްމު "ސަން" އަށް މިރޭ ވިދާޅުވީ، މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. ރިޔާސީ ބަޔާން އިއްވަވާ މަޖިލީހުގެ ޖަލްސާ ދަރުބާރުގެއަށް ބަދަލުކޮށްފައިވާ ސަބަބެއް އަމީން އާއްމު ވިދާޅެއްނުވެ އެވެ.
ދަރުބާރުގޭގައި ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބާއްވަން ހަމަޖައްސާފައި މި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް ކުރާ ގޭގެ ޗެމްބަރު ތެރެއިން ކަރަންޓު ޝޯޓެއްވެ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ދަރުބާރުގޭގައި ބާއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވަން ވާނެ ކަމަށެވެ.