ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ތައިލެންޑްގައި ތަމްރީނުތައް ހަދަމުންދާ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުގައި ބެންކޮކު ޔުނިވަސިޓީގެ ބޫ ގޯލްޑަން ޝާކް ޓީމާ ދެކޮޅަށް ކުޅުނު މެޗް 35 ޕޮއިންޓުގެ ތަފާތު ބޮޑު ނަތީޖާއަކުން ދިވެހި ޓީމު ކާމިޔާބު ކޮށްފިއެވެ.

މެޗްގައި ދިވެހި ޓީމުން 85 ޕޮއިންޓް ހޯދިއިރު ގޯލްޑަން ޝާކް ޓީމަށް ހޯދިފައިވަނީ 50 ޕޮއިންޓެވެ.

އެ މެޗްގައި ރާއްޖޭގެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 17 ޕޮއިންޓް ހޯދި އިލްޔާސް އިބްރާހިމްއެވެ. މީގެ އިތުރުން މުޙައްމަދު ޒިލާލް އާއި އަހްމަދު ޒަބީރު އަދި އިބްރާހިމް ރަޝްވާން ވަނީ ކޮންމެ ކުޅުންތެރިޔަކު 12 ޕޮއިންޓް ހޯދާފައެވެ.

ތައިލެންޑްގެ ތަމްރީނު ކޭމްޕްގައި ގައުމީ ބާސްކެޓްބޯލް ޓީމު ބެންކޮކު ޔުނިވަސިޓީގެ ބޫ ގޯލްޑަން ޝާކް ޓީމާ ދެކޮޅަށް ކުޅެނީ --- ފޮޓޯ/ ބާސްކެޓްބޯލް ޓީމު

ތައިލެންޑްގައި ހުރެ ސަންއާ ވާހަކަ ދައްކަމުން ގައުމީ ބާސްކެޓްބޯލް ޓީމުގެ ކޯޗް އަޙްމަދު ފަޔާޒު ބުނީ، މިއަދުގެ މެޗަށް ނިކުތީ އާދިއްތަ ދުވަހު ކުޅުނު މެޗްގައި ފާހަގަ ކުރެވުނު ބައެއް ކަންކަން ރަނގަޅުކޮށްގެން ކަމަށެވެ.

އެގޮތުން އެދުވަހު މެޗް ކުޅޭ ތަނަށް ކުޅުންތެރިން ދިޔައީ މެޗް ކުޅެން ވަގުތު ކައިރިވެފައިވުމުން ކޮންމެވެސް ވަރަކަށް ކުޅުންތެރިންނަށް ވަރުބަލިކަން އިހްސާސް ކުރެވުނު ކަމަށާއި ކުޅުންތެރިން ތިބޭ ހޮޓަލުން ކުޅޭ ތަނަށް ދިއުމަށް ދޮޅު ގަޑިއިރު ހޭދަވާއިރު މިއަދުގެ މެޗަށް ދުރާލައި ތައްޔާރު ވެގެން ދިއުމުން ކުރީގެ މެޗްގައި ފާހަގަވި ކަންކަން ރަނގަޅު ކުރެވި ނަތީޖާ ފަރަގު ބޮޑު ކުރެވުނު ކަމަށް ފަޔާޒު ބުންޏެވެ.

ތައިލެންޑްގެ ތަމްރީނު ކޭމްޕްގައި ގައުމީ ބާސްކެޓްބޯލް ޓީމު ބެންކޮކު ޔުނިވަސިޓީގެ ބޫ ގޯލްޑަން ޝާކް ޓީމާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޓީމުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ/ ބާސްކެޓްބޯލް ޓީމު

ފަޔާޒު ބުނީ ގޭމްސްގައި ރާއްޖެ ލައްވައިލީ ވަރުގަދަ ގުރޫޕެއްގައި ކަމަށާއި އެގޮތުން އެ ގްރޫޕުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ ހިމެނޭއިރު އެޓީމާ ދެކޮޅަށް ކުޅޭ މެޗް އުނދަގޫ ވާނެ ކަމަށާއި ދެން އޮތީ ބާސްކެޓްގެ ކެޓަގަރީއިން ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ބައިވެރިވާ ޕާކިސްތާން ކަމަށެވެ.

އެންމެ ބޮޑު މައްސަލައަކީ އިންޑިއާގެ ފެންވަރު އެނގުނު ނަމަވެސް ޕާކިސްތާންގެ ޓީމުގެ ހާލަތު ނޭނގުން ކަމަށް ފަޔާޒު ބުންނެވެ.

ރާއްޖެއިން މަސައްކަތް ކުރާނީ ޕާކިސްތާން ފަހަތަށް ޖައްސާލުމަށްފަހު ސެމީގެ ޖާގައެއް ހޯދަން ކަމަށް ފަޔާޒު ބުންޏެވެ. އަދި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗްގައި ޕޮއިންޓްގެ ފަރަގު ކުޑަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.