20 Apr 2011, 14:18
ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމާ ބެހޭ ގޮތުން ކޮމެޓީން ހުށަހެޅި ރިޕޯޓަށް ބަހުސު ކުރި ޖަލްސާގައި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ބަލާ އަށް ގޮވައި ވާހަކަ ދައްކަވައިފި އެވެ.
މެންބަރުންގެ މާލީ ބަޔާން ހާމަ ކުރާނެ ގޮތަކާ ބެހޭ ގޮތުން ބަހުސު ދެކަފިވި ޖަލްސާގައި ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލީ ރިޕޯޓްތައް "ނޫހަކަށް ހަދައިގެން ފާރުފާރުގައި ހިއްޕުމުންދާކަށް އަޅުގަނޑުމެންނަކަށް އެއްބަހެއް ނުވެވޭނެ" ކަމަށާއި އެއީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫން ކަމަށެވެ.
ޒާހިރު އެހެން ވިދާޅުވުމާ އެކު ކޮންމެވެސް ބޭފުޅަކު ޒާހިރާ މުހާތަބުކޮށް އިށީދެވަޑައިގަތުމަށް އެދިވަޑައިގަތުމުން ޒާހިރު ވިދާޅުވި އެވެ:
"ކޮންތާކުތަ އިށީންނަންވީ؟ ކިހެނެއްވެގެންތަ ތިޔަ އުޅެނީ. އަޖައިބެއް ކަހަލަ 'ބަލާއެއް'ނު މި ޑީއާރުޕީ މެންބަރުންތައް،" ޒާހިރު ކޯފާ ގަދަކުރައްވައި ވިދާޅުވި އެވެ.
ރައީސާއި ނައިބު ރައީސް އަދި ޕާލަމެންޓްގެ މެމްބަރުންގެ މާލީ ބަޔާން އަހަރަކު އެއް ފަހަރު އާއްމު ކުރުމަކީ ދުނިޔޭގެ ޑިމޮކްރަސީ އޮންނަ ގިނަ ގައުމުތަކެއްގައި ކުރާ ކަމެކެވެ. އެގޮތުން އެމެރިކާގެ ރައީސާއި ނައިބު ރައީސްގެ މާލީ ބަޔާން ވަނީ އިއްޔެ އާއްމުކޮށްފަ އެވެ. އެ ބޭފުޅުންނަށް ލިބޭ އާމްދަނީގެ ފުރިހަމަ ތަފްސީލު ވަނީ އެމެރިކާގެ މަޝްހޫރު ހުރިހާ ނޫސްތަކަކުން އާއްމުކޮށްފަ އެވެ.
ރާއްޖޭގެ ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން މެންބަރުންގެ މާލީ ބަޔާން އަހަރަކު އެއް ފަހަރު ހާމަކޮށް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަން ޖެހެ އެވެ. ނަމަވެސް އިއްޔެގެ ޖަލްސާގައި ބައެއް މެންބަރުން ވިދާޅުވީ މެންބަރުންގެ މާލީ ބަޔާން އާންމު ކުރެވޭނީ ޝަރުއީ ކޯޓަކުން އެ ގޮތައް އަމުރުކޮށްގެން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.