25 Apr 2010, 10:01
10:00
ވެރިކަން ކުރުމުގައި ސިޔާސީ ވުމަކީ މަކަރާއި ހީލަތް ހެދުން ނޫން ކަމަށާއި ސަރުކާރާ ހިލާޔުތަފާތުވާ މީހުންނަށް ނިކަމެތިކޮށް އަނިޔާވެރިވުމަކީ މި ސަރުކާރުގެ ބޯދާ ވިސްނުމެއް ކަމަށް ވިދާޅުވެ، ނައިބު ރައީސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޣިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި ގައުމީ އިއްތިހާދު ޕާޓީގެ ފުރަތަމަ އާއްމު ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހާކަފުޅު ދައްކަވަމުން ނައިބް ރައީސް އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބް ރައީސްއަކީ ވަކި ފަރާތަކަށް ޖެހިގެން ވަކި ޕާޓީއަކަށް ވެރިކަން ކޮށްދޭން ރައްޔިތުން ހޮވާފައިވާ ބައެއް ނޫން ކަމަށެވެ. އަދި ވެރިކަމާ ހަވާލުވުމުގެ ކުރިން ވައުދުވެދައިވާ ކަންތައްތަކާއި ހިލާފަށް ސަރުކާރުން އަމަލް ކުރަމުންދާތީ ރައްޔިތުންގެ ހިތުގައި ސަރުކާރުގެ މިސްރާބާ މެދު ސުވާލު އުފެދިފައިވާ ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ވަކި ބަޔަކާ ވެރިކަން ހަވާލުކޮށް، ރައްޔިތުން ހަމަހިމޭނުން ތިބުމަކީ ބުއްދިވެރި ގޮތެއް ކަމަށް ސިޔާސީ ބައެއް ވެރިންނަށް ހީވިޔަސް އެއީ އެމަނިކުފާނަށް ގަބޫލުފުޅު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަދުބައެއްގެ އަތްމައްޗަށް ހުރިހައި ބާރެއް ދޫކޮށްލައިގެން ހަމަހިމޭނުން ތިބުމަކީ ޑިމޮކުރަސީއަށް އޮތް ނުރައްކަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރާއި އިންތިހާދުވެފައިވާ ޕާޓީތަކުގެ މަޝްވަރާއެއް މިސަރުކާރުން ނުހޯދާ ކަމަށް ވިދާޅުވެ، ނައިބް ރައީސް ވިދާޅުވީ ޕާޓީތަކާ މަޝްވަރާކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ސަރުކާރުގެ ތެރޭގައި ގާއިމް ކުރަންޖެހިފައިވާ ކަމަށެވެ.
ރޭގެ ޖަލްސާގައި ނައިބް ރައީސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ކަމުގައި ވިޔަސް، އެ ޕާޓީގެ ފަރާތުން ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ރޭގެ ޖަލްސާގައި ވިދާޅުވީ ސަރުކާރުގެ ބައެއް ކަންތައްތަކަށް އެ މަނިކުފާނު ތާއިދު ކުރައްވާ ކަމަށާއި ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކާ ވަގުތު ބޭނުންވާ ކަމަށެވެ.
ޣިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި ގައުމީ އިއްތިހާދު ޕާޓީގެ އެ ޖަލްސާގައި ސަރުކާރާއި އިދިކޮޅު ބައެއް ޕާޓީތަކުގެ މެންބަރުންވެސް ބައިވެރިވެ، ގައުމީ އިއްތިހާދު ޕާޓީގެ ފަރާތުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރި އެވެ.