02 Feb 2016, 19:08
ސިއްހީ ދާއިރާގައި ދިވެހިރާއްޖެ އުޅެނީ ދެކުނު އޭޝިޔާގެ އެހެން ގައުމުތަކަށް ވުރެ ކުރީގައި ކަމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.
"އިންޑިއާ - މޯލްޑިވްސް ހެލްތު އެންޑް ވެލްނެސް ވީކް" އާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި ސަފީރު ވަނީ ސިއްހީ ދާއިރާގައި ރާއްޖޭން ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ކަން ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން ދެކުނު އިރުމަތީ އޭޝިޔާގެ ޑަބްލިޔޫއެޗްއޯގެ މެންބަރު ގައުމުތަކުގެތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ގައުމަކީ ރާއްޖެ ކަމުގައި ސަފީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
"ދިވެހިރާއްޖެ މި އުޅެނީ ދެކުނު އޭޝިޔާގެ އެހެން ގައުމުތަކަށް ވުރެ ކުރީގައި ސިއްހީ ދާއިރާ އިން. ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ރާއްޖެއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލަން،" ސަފީރު ވިދާޅުވި އެވެ.
ސަފީރު ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަނާއަށް ތައުރީފު ކުރައްވާފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވަނީ ރާއްޖެއާ އިންޑިއާގެ ގުޅުމަކީ ވަރަށް ހާއްސަ އަދި އެހާމެ ގާތް ގުޅުމެއް ކަމުގައި ވިދާޅުވެ، ސިއްހީ ދާއިރާ އިން ރާއްޖެއަށް ވެދެވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.