02 Feb 2016, 17:28
ބ. އޭދަފުށީ ކައުންސިލްގެ މެންބަރު މުހައްމަދު ރިޒާ ތިން މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފި އެވެ.
ބ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ސަން އަށް ވިދާޅުވީ، ރިޒާ ސަސްޕެންޑް ކުރީ އޭނާއާ ގުޅިގެން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ބެލުމަށްފަހު ފިޔަވަޅު އެޅުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން އަންގާފައިވާތީ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މާދަމައިން ފެށިގެން މުސާރައާ އިނާޔަތްތައް ނުހިނގާ ގޮތަށް ރިޒާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް މެމްބަރަކަށް ފިޔަވަޅު އަޅާކަށް. އެކަމަކު ސުލޫކީ މިންގަނޑުތަކާއި ހިލާފުވެފައިވާ ކަމަށް އެލްޖީއޭ އިން އެންގުމުން ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި އެވަނީ،" އާދިލް ވިދާޅުވި އެވެ.
ސުލޫކީ މައްސަލަ ބެލި އިރު ރިޒާ އާ ގުޅޭ ޖިނާއީ މައްސަލައެއްވެސް ފާހަގަވެފައިވާ ކަމަށާއި، އެހެންކަމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް އާދިލް ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން އޭދަފުށީ ކައުންސިލުން އާއްމު ރައްޔިތުންނަށް ތަފާތުކުރުން ގެންގުޅޭ މައްސަލަތައްވެސް އަތޮޅު ކައުންސިލުން އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.