ފުލުހުން މަގުމަތީގައި ބަހައްޓާފައި ހުރި ބެރިކޭޑުތައް ކޮއްޕައި އުކާލި މީހަކު 3000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ރ. އިންނަމާދޫ އާޝިޔާނާ ހުސައިން ރައޫފް ޖޫރިމަނާކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ 2012 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 28 ވަނަ ދުވަހުގެ ރޭ 11:07 އެހާކަންހާއިރު މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދާތީ އަމީރު އަހްމަދުމަގު ވެލާނާގެ ކައިރިން ޕޮލިސް ބެރިކޭޑު ޖަހާފައި ބަންދުކޮށްފައި ވަނިކޮށް، އެ ބެރީކޭޑުތައް އޭނާ އުކާލާލި ކަމަށް ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ރައޫފް ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގައިފަ އެވެ.