02 Feb 2016, 16:24
މިމަހު 10 ވަނަ ދުވަހު އުޒުބުކިސްތާންގައި ފެށުމަށް ހަމަޖެހިފައިވާ 14 ވަނަ އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕްގައި މެޗް ކޮމިޝަރުކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ މެޗް ކޮމިޝަނަރު މުޙައްމަދު ޝާހިރަށް ލިބިއްޖެ އެވެ.
ދެހާސް ވަނަ އަހަރު ރާއްޖެ އަށް ފުޓްސަލް ތާރަފްވި އިރު ރާއްޖޭގެ ފުރަތަމަ ފުޓްސަލް ޑިވްލަޕްމެންޓް އޮފިސަރެއްގެ ގޮތުގައި ހަރާކަތްތެރިވި ޝާހިރު ވަނީ މީގެ ކުރިން އޭޝިއަން ފުޓްސަލް ކްލަބު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗްގައި ވެސް މެޗްކޮމިޝަނަރުކަން ކޮށްފަ އެވެ.
މިއަދު ސަންއާ ވާހަކަ ދައްކަމުން ޝާހިރު ވިދާޅުވީ މިއީ އޭނާ އޭޝިއާ ބައްރުގެ ގައުމުތަކުގެ މެދުގައި ޞާއްވާ ފުޓްސަލްމުބާރާތަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރު ކަމަށާއި އުންމީދު ކުރަނީ އެ މުބާރާތުގެ ފައިނަލު މެޗުގައި ވެސް މެޗް ކޮމިޝަނަރުކަން ކުރުމުގެ ފުރުސަތު ލިބުން ކަމަށެވެ.
ޝާހިރު ވިދާޅުވީ އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕްގައި އަނެއް ރައުންޑުން ފުރުސަތު ދޭނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗްތަކުގައި މެޗް ކޮމިޝަނަރުގެ ވެސް ޕާފޯމަންސަށް ބެލުމަށް ފަހުގައި ކަމަށެވެ.
އޭނާ ބުނީ ބައްރުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި މެޗް ކޮމިޝަނަރުކަން ކުރުމަކީ ލިބޭ ފަޚްރެއް ކަމަށެވެ.
ޝާހިރު މިހާރު ވެސް ގެންދަނީ ބައިނަލްއަޤުވާމީ މެޗްތަކުގައި މެޗް ކޮމިޝަނަރުކަން ކުރަމުންނެވެ.
އެގޮތުން އޭނާ ވަނީ ވޯލްޑްކަޕް ކޮލިފައިން މެޗްތަކުގައި ވެސް މެޗް ކޮމިޝަނަރުކަން ކޮށްފަ އެވެ.