03 Feb 2016, 09:33
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު އަރުބާޒް ހާން އާއި އޭނާގެ އަންހެނުން މަލައިކާ އާ ގުޅޭގޮތުން މީޑިއާގައި ފެތުރުނު ވާހަކަތަކަށް އަރުބާޒް ރައްދު ދީފި އެވެ.
އެ ދެ ތަރިން ވަރިވާން އުޅޭ ކަމަށް ބުނެ މީޑިއާގައި ފެތުރުނު ތަފާތު ވާހަކަތަކަށް ރައްދު ދެމުން އަރުބާޒު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، "ނުބެހޭ ކަންތައްތަކާ ނުބެހުމަށް" ށެވެ.
"ބައެއް މީހުން އެމީހުންގެ އަމިއްލަ ކަންތައްތަކާ ބެހެން ވީ. ދޮގު ވާހަތައް ދެއްކުމާއި ލިޔުން ހުއްޓާލަން ވެއްޖެ"، އަރުބާޒު ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.
އެ ޓުވީޓާ އެކު އަރުބާޒު ވަނީ އިންސްޓާގުރާމް މެދުވެރިކޮށްވެސް މީހުންނަށް ރައްދު ދީފަ އެވެ. އެގޮތުން އޭނާ ވަނީ 1972 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "އަމަރް ޕްރޭމް" އިން މަޝްހޫރުވި ލަވައެއް ކަމަށްވާ "ކުޗްތޯ ލޯގް ކަހޭންގޭ"ގެ ތަންކޮޅެއް ޑަބްސްމޭޝް ކުރުމަށް ފަހު އިންސްޓާގްރާމް ކޮށްފަ އެވެ.
އަރުބާޒު އެފަދަ ގޮތަކަށް ރައްދު ދިން ނަމަވެސް، އެދެތަރިން ވަރަށް އަވަހަށް ވަރިވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ހަބަރުތައް ބުނާ ގޮތުން މަލައިކާ ވަނީ އޭނާގެ ދަރިފުޅާއެކު އެހެން ގެއަކަށް ބަދަލު ވެފައެވެ. އަދި އަރުބާޒު އާއެކު މަލައިކާ ހުށައަޅަމުން އަންނަ ޝޯވްއިން ވެސް މަލައިކާ ނުފެންނަ ކަމަށް ހަބަރުތައް ބުނެ އެވެ.