ސިވިލް ސާވިސްގެ ގާނޫނާއި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ.ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަޒީފާ ދެއްވާފައިވާ ފަރާތްތަކަށް އިނާޔަތާ އެކު ވަޒީފާ އިން ވަކިވުމަށް އެދުމުގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވަކިވުމަށް އެދި ހުށަހަޅަން ޖެހޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުންނާއި އޮފީހުން ލިބެން ހުންނާނެ ކަމަށެވެ. އަދި އަންނަ މެއި މަހުގެ 31 ހަމަ އަށް ފޯމު ބަލައިގަތުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި ވަކިގޮތެއް އެންގުމާ ހަމައަށް އެ ތާރީހަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި އިކޮނޮމިކް ރިކަވަރީ ޕްރޮގްރާމްގެ ދަށުން ވަކިވުމަށް އެދޭ މުވައްޒަފުންނަށް ހަތަރު އިހްތިޔާރެއް ލިބޭނެ ކަމަށެވެ. އެންމެ ފުރަތަމަ އޮޕްޝަނަކީ އެއްވެސް އިނާޔަތަކާ ނުލައި ވަކިވުމެވެ. ދެ ވަނަ އޮޕްޝަނަކީ ގަނޑުކޮށް 150،000ރ. ލިބޭ ގޮތަށް ވަޒީފާ އިން ވަކިވުމެވެ. ތިން ވަނަ ގޮތަކީ ގަނޑުކޮށް 150،000ރ. ލިބުމާ އެކު ކުދި އަދި މެދު ފަންތީގެ ލޯން ޕްރޮގްރާމްގައި އިސްކަން ލިބޭ ގޮތަށް ވަޒީފާއިން ވަކިވުމެވެ. އެކަމަކު މި ގޮތް އިހްތިޔާރު ކުރެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ ޕްރޮފްރާމްގެ ދަށުން ލިބޭ ހަތަރު ވަނަ ގޮތަކީ 200،000ރ. ލިބުމާ އެކު ސަރުކާރުން ހިންގާ ސްކޮލާޝިޕް ޕްރޮގްރާމްތަކުގައި އިސްކަން ލިބޭ ގޮތަށް ވަޒީފާ އިން ވަކިވުމެވެ. ހަތަރު ވަނަ ގޮތް އިހްތިޔާރު ކުރެވޭނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ވީއްލުމަށް އެދޭ މުވައްޒަފަކީ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފެއް ނަމަ، އިނާޔަތް ދެވޭނީ އުމުރުން 55 އަހަރުވުމުން ސިވިލް ސާވިސް ކޮމިޝަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން ދޫކޮށްލާ މީހުންނަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކަމަށް ފިނޭންސް އިއުލާނުގައިވެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ވަޒީފާ އިން ވަކިވާ ނަމަ ތިން އަހަރު ވަންދެން ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގައި ވަޒީފާ އަދާ ނުކުރެވޭނެ ކަމަށް ވެސް ފިނޭންސުން ބުނެ އެވެ.