02 Feb 2016, 15:39
އަނބިމީހާ އެހެން ގެއެއްގައި ދިރިއުޅެމުންދަނިކޮށް، ގަދަކަމުން ވިޔަސް އޭނާ ފިރިމީހާ ދިރިއުޅޭ ގެއަށް ގެންދިޔުމަށް ފުލުހުންގެ މައްޗަށް ދ. ކުޑަހުވަދޫ ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.
ހައިކޯޓުން މިއަދު ބާތިލް ކުރީ 2014 ވަނަ އަހަރު ކުޑަހުވަދޫ ކޯޓުން ކުރި ކުރި އަމުރެކެވެ. އެ ކޯޓުން އެގޮތަށް އަމުރު ކުރީ ފިރިމީހާ އެގޮތަށް އެ ކޯޓުގައި އެދުމުންނެވެ.
އެ އަމުރު ބާތިލްކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދެމަފިރިން ކުރެ މީހަކު ސުލްހަވާން ބޭނުން ނުވަނީސް ގަދަކަމުން ސުލްހަ ކުރުވަން އަމުރުތައް ނެރެ އަމުރު ތަންފީޒު ކުރަން މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ދެމަފިރިން ސުލްހަކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އާއިލާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ ގަދަކަމުން އަންހެން މީހާ އޭނާގެ ފިރިމީހާ ގެއަށް ގެންދިއުމަކީ އެ ދެމަފިރިންގެ ދެމެދުގައި އިތުރަށް މައްސަލަ ގޯސްވެދާނެ ކަމެއް ކަމަށެވެ.
ދައުލަތުން އިސްތިއުނާފު ކުރުމުން ކުޑަހުވަދޫ ކޯޓުން ނެރުނު ކޯޓު އަމުރުގެ މައްސަލަ ބެލުމަށްފަހު އެ އަމުރު ބާތިލްކޮށްފައި ވަނީ ހައިކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.