އިންޑިއާގެ ހައިދަރްއާބާދުން ކޮންމެ ދުވަހަކު ވެސް ވަރަށް ތަފާތު މަންޒަރެއް ފެނެ އެވެ. މެންދުރު ނަމާދަށްފަހު އެތައް ނިކަމެތީންނެއްް ހައިދަރުއާބާދުގެ ބްރިޖެއްގެ ދަށުގައި ކިޔޫ ހަދާފައި ތިބޭ މަންޒަރެވެ. މި ކިޔޫގައި އެތައް ބަޔަކު ކެތްތެރިކަމާ އެކު މަޑުކޮށްގެން ތިބެނީ ކީއްވެކަން އެނގޭ ހެއްޔެވެ؟

އެ އެންމެން ވެސް ތިބެނީ އަޒްހަރު މަގްސޫސީގެ އިންތިޒާރުގަ އެވެ. އަޒްހަރު އަކީ އުމުރުން 36 އަހަރުގެ އާދައިގެ ވިޔަފާރިވެރި އެކެވެ. އޭނާގެ ވިޔަފާރީގެ އިތުރުން، ދިރިއުޅުމާ ގުޅިފައިވާ އަނެއް މަސައްކަތަކީ ބްރިޖު ދަށުގައި ކިޔޫ ހަދާފައި ތިބޭ ނިމަކެތި ފަގީރުންނަށް ކާން ދިނުމެވެ. އެއްވެސް އަގެއް ނެތި އެތައް ނިކަމެތިންނަށް މެންދުރުގެ ކޮއްތު ފޯރުކޮށްދޭތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.

އަހްޒަރު ފަގީރުންނަށް ކާން ދެނީ -- ފޮޓޯ: އަޒްހަރު (ފޭސްބުކް)

"މި މަސައްކަތް ފެށުނީ ގާތްގަނޑަކަށް މީގެ ތިން އަހަރު ކުރިން. އެ ދުވަހު ކަން ދިމާވި ގޮތަކީ އަހަރެންގެ ސައިކަލުގެ ހަން ފަޅައިގެން ދިޔައީ. ދެން ޖެހުނީ ރޭލުގައި ގެއަށް ދާން. އެހެން ނޫނީ އަހަރެން އެ މަގުން ނުހިނގަން. ސްޓޭޝަން އިންނާނީ ބްރިޖު ދަށުގައި. އެތަނުން އަހަންނަށް ފެނުނީ ނުކުޅެދޭ އަންހެނެއް،" ނިކަމެތި ފަގީރުންނަށް ކާން ދިނުމުގެ މަސައްކަތް ފެށިގެން އައިގޮތް ކިޔާދެމުން އަޒްހަރު ބުނެފައިވެ އެވެ.

ލަކްޝްމީ ކިޔުނު އެ އަންހެން މީހާ ރޮއެ އާދޭސްކުރަމުން ދިޔައީ ފައިސާއެއް ދިނުމަށް އެދިއެއް ނޫނެވެ. އޭނާއަށް ކާނެ އެއްޗެއް ދޭނެ މީހަކު ވޭތޯ އެވެ.

އެ މަންޒަރާއެކު އަޒްހަރުގެ ހަނދާނަށް އައީ އޭނާ ކުޑައިރު އުޅުނު ހާލެވެ. އެއްޗެއް ނުކައި ހުންނަން ޖެހުމުން ބަނޑަށް މަރުވެދާނެ ކަމަށް ކުރެވުނު އިހުސާސްތަކެވެ.

"އަހަރެންގެ ބައްޕަ މި ދުނިޔެ ދޫކުރީ އަހަރެންގެ އުމުުރުން ހަތަރު އަހަރުގައި. އަހަރެންގެ އާއިލާގައި އިތުރު ކުދިންވެސް ތިބޭ. މަންމަ ވަރަށް ހާލުގައި އުޅެގެން އަހަރުމެން ބަލާ ބޮޑުކުރީ. ބަނޑުހައިވެ ހުރެގެން ނިދަން ޖެހުމުން ކުރެވޭ އިހުސާސް އަހަންނަށް ރަނގަޅަށް އެނގޭ،" އަޒްހަރު ބުންޏެވެ.

ލަކްޝްމީ ކާ އެއްޗަކަށް އެދި ރޮމުން ދިޔަ މަންޒަރު ފެނިފައި، އެރޭ ގެއަށް ގެންދަން ގަތް ކާއެއްޗެހި ލަކްޝްމީ އަށް ދިނީ އެވެ.

ޖެހިގެން އައި ދުވަހު އަޒްހަރުގެ އަންހެނުން ވަނީ 15 މީހުންގެ ކޮއްތު ކައްކައި އަޒްހަރާ ހަވާލުކޮށްފަ އެވެ. އެ ދުވަހު ބްރިޖު ދަށަށް ގޮސް ކާއެއްޗެހި ބެހި އެވެ. އޭރު ކާއެއްޗެހި ޕެކެޓުގައި ބަންދުކޮށްގެނެވެ. ނަމަވެސް ފަހުން ބްރިޖު ދަށުގައި ކައްކަން ފެށީ އެވެ.

އަހްހަރަކީ މުއްސަންޖެއް ނޫނެވެ. ނަމަވެސް އަމިއްލަ މަސައްކަތުން ހޯދާ ފައިސާ އިން ފުދިގެން އުޅޭ މީހެކެވެ. އެހެންކަމުން ފަގީރުންނަށް ކާން ދިނުމަކީ މާ ބޮޑު ހަރަދެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

ނަމަވެސް ފަގީރުންނަށް ކާން ދޭން ފެށިތާ ދެމަސްވީ އިރު، ބުރިޖު ދަށުގައި ކިޔޫ ހަދާ މީހުންގެ އަދަދު އިތުރުވާން ފެށިއެވެ. ކޮންމެ ދުވަހަކު 50 އަށް ވުރެ ގިނަ މީހުން ކިޔޫއަށް އަރަން ފެށި އެވެ. އެހިސާބުން ފަގީރުންނަށް ކާން ދިނުމަށް ކުރަން ޖެހޭ ހަރަދު އޭނާގެ ބަޖެޓުން ބޭރަށް ދިޔައީ އެވެ.

ފަގީރުން ބުރިޖު ދަށުގައި -- ފޮޓޯ: އަޒްހަރު (ފޭސްބުކް)

ދެން އަޒްހަރު ނިންމީ ކައްކާއެއް ހޯދާށެވެ. މަސައްކަތް ކުރަމުން ފަގީރުންނަށް ކާން ދޭނެ މަގެއް ހޯދީ އެވެ. ކައްކާއެއް ހޯދާ އޭނާއަށް އުޖޫރައެއް ދީގެން ގިނަ މީހުންނަށް ކެވޭ ވަރަށް ކައްކަން ފެށީ އެވެ.

ދަތިވި ނަމަވެސް އެއްވެސް މީހެއްގެ އަތުން އެންމެ ފައިސާއެއް ވެސް އޭނާ ނުނަގަ އެވެ. ފަގީރުންނަށް ކާން ދެމުން ދިޔައީ ހަމަ ހިލޭ ސާބަހަށް ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. މީހަކަށް ހެޔޮހިތުން ދީފި އެއްޗެއް ގެއްލިގެން ނުދާނޭ ބުނެ އުޅެ އެވެ. އަޒްހަރު ސާފު ހިތަކާ އެކު ހެޔޮ ނިޔަތުން ފެށި މަސައްކަތުގައި ބަރަކާތް ލެއްވި އެވެ.

"މަގު އޮޅިގެން އެމެރިކާގެ ރައްޔިތަކަށް އާދެވުނީ ބުރިޖު ދަށަށް. އޭނާ ބުރިޖް މަތިން ވަރަށް ގިނަ އިން ދަތުރު ކުރާ ކަމަށް ވަނީ. އެކަމަކު ބްރިޖުގެ ދަށުގައި ނިކަމެތިން ތިބޭ ކަމާއި، އަހަރެން އެމީހުންނަށް ކާންދޭ ކަމެއް އޭނާއަށް އޭރު ނޭނގޭ. އެނގުނު ދުވަހު އެމެރިކާގައި ހުރި އޭނާގެ ބޭބެ އާ އެވާހަކަ ހިއްސާކުރި،" އަޒްހަރު ކިޔާދިނެވެ.

އެއަށް ފަހު އެމީހުންގެ ފަރާތުން އެހީގެ ގޮތުގައި ކޮންމެ މަހަކު ވެސް އަޒްހަރަށް 25 ކިލޯގެ 16 ބަސްތާ ހަނޑޫ ލިބެން ފެށި އެވެ.

"އެކަހަލަ ހެޔޮ މީހުން ކޮށްދޭ ރަނގަޅު ކަންތައްތަކުގެ ސަބަބުން މަސައްކަތާއިގެން ކުރިއަށް ދިއުމަށް އިތުރު ބާރަކާ ހިތްވަރެއް ލިބެނީ،" އޭނާ ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ މީހުން ބުރިޖު ދަށުގައި މިހާރު ކިޔޫ ހަދަ އެވެ. ރަމަޟާން މަހު ވެސް ރޯދަ ވީއްލާ ގަޑީގައި (މަޣްރިބް ނަމާދަށް ފަހު) އަޒްހަރުގެ މަސައްކަތް ކުރިއަށް ގެންދެ އެވެ.

އަހްޒަރު ފަގީރުންނަށް ކާން ދެނީ -- ފޮޓޯ: އަޒްހަރު (ފޭސްބުކް)

އެންމެންގެ ކެއުމަށް ކޮންމެ ދުވަހަކުވެސް 25 ކިލޯ ހަނޑުލާއި، ދެ ކިލޯ މުގު ނުވަތަ އެނޫންވެސް ރިހަ ކައްކަން ބޭނުންވާ އެއްޗެއް އަދި ތެޔޮ ލީޓަރެއް ބޭނުންވެ އެވެ. އެއީ ގާތްގަނޑަކަށް 1700 ރުޕީސް އެވެ.

އަޒްހަރުގެ މަސައްކަތަށް މިހާރު އޭނާގެ އެކުވެރިންގެ ފަރާތުން ވެސް ދީލަތި އެހީ އަންނަނީ ލިބެމުންނެވެ. ނަމަވެސް ފައިސާގެ އެހީއެއް އޭނާ ބޭނުމެއް ނުކުރެ އެވެ.

"އަހަރެން ބޭނުންވަނީ ފައިސާއެއް ނޫން. ދީލަތި އެހީތެރިކަމާ އެއްބާރުލުން. އަހަރެން ފޭސްބުކުގައި ފޮޓޯ ހިއްސާކުރަނީ ނިކަމެތި އެތައް ބަޔަކު ހައިހޫނުކަމުގައި ނިދާ ކަމާއި ފޯރާ މީހުންގެ އެހީތެރިކަން އެމީހުން އިންތިހާއަށް ބޭނުންވާކަން އަންގައިދޭން،" އަޒްހަރު ބުންޏެވެ.

ނިކަމެތީންނަށް ފައިސާ ދޭން ބޭނުން ނުވާ ސަބަބެއް ވެސް އަޒްހަރު ވަނީ ފާހަގަކޮށްފަ އެވެ. އެއްބަޔަކު އެ ފައިސާއިން ބަނޑުހައި ހޫނުކަން ފިލުވާލުމަށް ކާއެއްޗެހި ގަންނަ ނަމަވެސް އެއް ބަޔަކު ފައިސާއިން މަސްތުވުން ކަހަލަ ކަންކަން ކުރާކަން އޭނާ ފާހަގަ ކުރި އެވެ.

"ކާންވެސް އަންނާނެ މަސްތުގެ ހާލަތުގައި ތިބޭ މީހުން. އެމީހުން ކައި ނިމެންދެން އަހަރެން އެއްވެސް އެއްޗެއް ނުބުނަން. އެކަމަކު ކައި ނިމުމުން އަހަރެން އެފަދަ މީހުންނަށް ނަސޭހަތްތެރިވަން،"

އަހްޒަރު ފަގީރުންނަށް ކާން ދެނީ -- ފޮޓޯ: އަޒްހަރު (ފޭސްބުކް)

އަޒްހަރު ބުނީ ފަގީރުންނަށް ކާން ދިނުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، ބްރިޖު ދަށަށް އަންނަ ކޮންމެ ފަގީރަކަށް ވެސް ދުވަހުގެ އެއް ކެއުން ނަމަވެސް އޭނާ ހަމަޖައްސައިދޭނެ ކަމަށެވެ.

އޭގެ އިތުރުން ފަގީރުން ގިނައިން ތިބޭ ސަރަހައްދު ތަކަށް ގޮސް ކާއެއްޗެހި ބެހުމުގެ މަސައްކަތް ވެސް އަޒްހަރު މިހާރު ވަނީ ފަށައިފަ އެވެ.