02 Feb 2016, 15:18
މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް ކުރެވި އެސްއެމްއެސް ކުރެވޭ ހިދުމަތް އުރީދޫ އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އަށް ދީފި އެވެ.
އުރީދޫ އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެމްޕީއެލްގެ ފަރާތުން އެމްވީޕީއެންގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ޝަރީފެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ.
އެހިދުމަތާ އެކު މުވައްޒަފުންގެ މެދުގައި ހިލޭ ފޯނުކޯލާއި އެސްއެމްއެސް ކުރެވުމުގެ އިތުރުން ޑޭޓާ ވެސް ލިބެ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެމްޕީއެލްއަކީ ރާއްޖޭގެ އިގްތިސާދާއި ވިޔަފާރި ވަރުގަދަކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންފުންޏަކަށްވާ އިރު އެ ކުންފުނީގެ މުވައްޒަފުންނަށް ފަސޭހަގޮތެއްގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އެހިދުމަތުގެ ސަބަބުން މުވައްޒިފުންގެ ކަންކަން ހަރުދަނާވެ މަސައްކަތު މާހައުލާއި އަމިއްލަ ދިރިއުޅުމުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ގްރޫޕް ތެރޭގައި ހަތަރު އަދަދުގެ ކުރު އަދަދު ބޭނުންކޮށްގެން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ އުރީދޫގެ އެމްވީޕީއެން ޚިދުމަތަކީ މިހާރު ވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. އެގޮތުން ޕޮލިސް، އެމްއެންޑީއެފް، ޑީޕީއާރުއެސް، ޕީޖީ އޮފީހުގެ އިތުރުން ގިނަ ރިސޯޓުތަކެއްގައި ވެސް އެ ޚިދުމަތް ބޭނުންކުރެ އެވެ.