02 Feb 2016, 15:01
ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ، ޒަހަމްވި ކުޑަކުއްޖާ މަރުވި މައްސަލާގައި ހައްޔަރުކުރި، ލޯޑްދުށްވަން އިން ޑުރައިވަރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
އެ ހާދިސާގައި ޒަހަމްވި އެ ރަށު، މާތޮޑާ އަވަށު، އަމާނުﷲ، 10، ވަނީ ނިޔާވެފަ އެވެ.
އަމާނުﷲ ނިޔާވެފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީން ފަރެސް މާތޮޑާގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑުގެ މަސައްކަތަށް އެ ރަށުގައި ބޭނުންކުރަމުން ދިޔަ ލޯޑަރެއްގެ ދަށުވެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޒާހިރު އެ ހާދިސާ ހިނގި ގޮތް ސިފަ ކޮށްދެއްވަމުން ވިދާޅުވީ އެ ކުއްޖާ އިނީ ލޯޑަރުގެ ދަތްގަނޑުގެ ތެރޭގައި ކަމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށާއި އަދި ލޯޑަރު ދުއްވާލި އިރު އެ ކުއްޖާ އޭގެ ތެރޭގައި އިންކަން ޑްރައިވަރަށް ނޭނގޭ ކަމަށެވެ.
އެ ހާދިސާގައި އަމާނުﷲގެ މޫނު އެކީގައި ޗިސްވެފައިވާ ކަމަށް ފަރެސް މާތޮޑާ ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.
އަމާނު ﷲ ނިޔާވީ އިތުރު ފަރުވާއަށް އެ އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގަ އެވެ.
މިނިސްޓްރީން ބުނީ މައްސަލައިގެ ތަހުގީގަށް މިނިސްޓްރީ އާއި މަޝްރޫއުގެ ކޮންޓްރެކްޓަރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.