އަޔޯވާ (ފެބްރުއަރީ 2): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވުމަށް އަޔޯވާ ސްޓޭޓްގައި ބޭއްވި އިންތިހާބު ޓެކްސަސް ސެނެޓާ ޓެޑް ކްރޫޒް ކާމިޔާބުކުރައްވައިފި އެވެ.

ދާދި ފަހަކާ ޖެހެންދެން އަޔޯވާގައި ބޭއްވި ހިޔާލު ހޯދުމުގެ އިންތިހާބުތަކުގައި އެންމެ ކުރި ހޯއްދަވާފައި ވަނީ ޑޮނަލްޑް ޓްރަމްޕެވެ. ނަމަވެސް، 99 ޕަސެންޓް ވޯޓުތައް ގުނާފައިވާ އިރު 28 ޕަސެންޓް ވޯޓުން ކުރީގައި އުޅުއްވަނީ ކްރޫޒް އެވެ. ސައުވީސް ޕަސެންޓް ވޯޓާ އެކު ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ޓްރަމްޕަށެވެ.

އަޔޯވާގެ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގެ ވޯޓުތައް މިހާރު ވެސް ދަނީ ގުނަމުންނެވެ. ނަމަވެސް، މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ދައްކާ ގޮތުގައި ހިލަރީ ކްލިންޓަން އާއި ބާނީ ސޭންޑާސް އަށް ލިބިފައިވާ ވޯޓުގެ ތަފާތަކީ އެއް ޕަސެންޓެވެ. ސޭނާޑާސް ވިދާޅުވާ ގޮތުގައި އެވޯޓުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. ނަމަވެސް، ކްލިންޓަންއަށް ތާއިދު ކުރާ ފަރާތްތަކުން ބުނަނީ އިންތިހާބު ކާމިޔާބު ކުރީ ހިލަރީ ކްލިންޓަން ކަމަށެވެ.

އެމެރިކާގެ އާ ރައީސް ހޮވުމަށް ރިޔާސީ އިންތިހާބު ބާއްވާނީ މިއަންނަ ނޮވެމްބަރު މަހު އެވެ.