02 Feb 2016, 14:44
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފިންލޭންޑްގެ ފަތުރުވެރިއެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވީ ނަމަވެސް، އޭނާ އަށް ވައިރަސް ޖެހުނީ ރާއްޖެ އިން ކަން ކަށަވަރު ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ޒިކާ ވައިރަސް އާ ގުޅިގެން ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ފިންލޭންޑް ފަތުރުވެރިޔާގެ ގައިން ޒިކާ ވައިރަސް ފެނުނު ކަމުގެ މައުލޫމާތު އެ ގައުމުގެ ސަރުކާރުން ދިވެހި ސަރުކާރާ ހިއްސާ ކުރީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
ފިންލޭންޑް ސަރުކާރުން އެ މައުލޫމަތު ހިއްސާ ކުރުމާ އެކު ޖެހިގެން އައި ދުވަހު ހެލްތު މިނިސްޓްރީ އިން އެ މައުލޫމާތު ފޮރިން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ އާ ހިއްސާކޮށްފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފިންލޭންޑުގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ވެލްފެއާ އާ ހަވާލާދީ ދަ ނިއު ޔޯކް ޓައިމްސް ނޫހުގައި ބުނެފައި ވަނީ، ޒިކާ ވައިރަސް ފެނިފައި ވަނީ މިދިޔަ ހޫނު މޫސުމުގައި ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރުމަށް ފަހު ދިޔަ އެ ގައުމުގެ ފިރިހެނެއްގެ ގައިން ކަމަށެވެ.
އެ އިންސްޓިޓިއުޓް އިން ބުނެފައި ވަނީ އެ މީހާއަށް ވައިރަހުގެ އަސަރު ކޮށްފައި ވަނީ ވަރަށް ކުޑަކޮށް ކަމަށާއި، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާ އަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
އެ ކޭސް ފެންމަތިވުމާ އެކު ދިވެހި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ އެކު ކުރިއަށް އަޅަންވީ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި ޒިކާ ވައިރަސް ރާއްޖޭގައި ފެތުރިފައިވޭތޯ ބެލުމަށް ބެންކޮކްގެ އާމްޑް ފޯސަސް ރިސާޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެފްރިމްސް) އާ އެކު މަސައްކަތް ކުރެވުނު ކަމަށް ހެލްތުން ބުނެ އެވެ.
އެފްރިމްސް އާއެކު ޖެނުއަރީ 24 ން 28 އަށް ކުރި މަސައްކަތުން ރާއްޖެ އިން ޒިކާއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާނެ ގޮތާއި، ސާމްޕަލް ފޮނުވާނެ ގޮތުގެ ގައިޑްލައިން އެއް ވަނީ ތައްޔާރުކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ރާއްޖެ އިން ޒިކާގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށް ހެލްތުން ބުންޏެވެ.
އެފްރިކާ އިން މީގެ ކުރިން ފެންނަމުން ދިޔަ ޒިކާ ވައިރަސް މިހާރު ވަނީ ލެޓިން އެމެރިކާގެ ގައުމުތަކަށް ފެތުރިފަ އެވެ. ބްރެޒިލްގައި ވެސް ޒިކާ ވައިރަސް ހަލުއިކަމާ އެކު އަންނަނީ ފެތުރެމުންނެވެ.