02 Feb 2016, 13:51
ދައުލަތައް ލިބެންޖެހޭ 955 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ފިނޭންސް މިނިސްޓްރީން އެކަށިގެންވާ މަސައްކަތް ކޮށްފައިނުވާކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ މިނިސްޓްރީއަށް ލިބެންޖެހޭ 955،864،302 ރުފިޔާ ހޯދުމަށްޓަކައި ފައިސާ ދެއްކުމަށް އެންގުންފިޔަވައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަފައިނުވާ ކަމަށެވެ.
މާލިއްޔަތު ގަވާއިދު ބުނާ ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން ފައިސާ ނުލިބޭނަމަ އެ މައްސަލަތައް ގަވާއިދުން ޝަރީއަތައް ހުށައަޅަންވާނެ ކަމަށް މާލިއްޔަތު ގަވައިދުގައި ބުނެ އެވެ.
މާލިއްޔަތު ގަވާއިދު އެހެން ބުނި ނަމަވެސް ފިނޭންސް މިނިސްޓްރީން އެ ފައިސާ ހޯދުމަށް އެކަށިގެންވާ މަސައްކަތް ކޮށްފައި ނުވާތީ އެ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދޯފައެވެ.
އެއޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި މާލީ އަހަރު ނިމޭފަހުން ކުރެވޭ ބައެއް ހަރަދުތައް އެއަހަރުގެ މާލީ ބަޔާންތަކުގައި ހިމަނާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. ހަމައެހެންމެ އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކައުންޓިން ސްޓޭންޑާޑް(އިޕްސަސް) މިންގަޑާއި އެއްގޮތަށް ހިސާބުތައް ބަލަހައްޓަމުން ގެންގޮސްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.