ކޮލަމްބޯ (ފެބްރުއަރީ 2): ލަންކާ ނޭވީ އޮފިސަރެއްގެ ގޮތުގައި ހުރެ ނޭވީގެ ގަވާއިދުތަކާ ހިލާފުވުމުގެ ކުށުގައި ޔޯޝިތާ ރާޖަޕަކްސައާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ލަންކާގެ ޑިފެންސް މިނިސްޓްރީން އެ ގައުމުގެ ނޭވީ އަށް އަންގައިފި އެވެ.

ހިޔާނާތްތެރިވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޔޯޝިތާ ރާޖަޕަކްސަގެ މައްޗަށް ސާބިތުވީ ނޭވީ ލެފްޓެނެންޓެއްގެ މަގާމުގައި ހުރެ، ނޭވީގެ ކޮމާންޑަރެއްގެ އިޒުނައާ ނުލައި ބޭރު ގައުމުތަކަށް ދަތުރުކޮށްފައިވާ މައްސަލަ އެވެ. އެ މައްސަލައާ ބެހޭ ތަހުގީގުތައް ކުރުމަށް ފަހު ލަންކާ ނޭވީ އިން އެގައުމުގެ ޑިފެންސް މިނިސްޓްރީއަށް އެމައްސަލަ ހުށަހެޅިތާ މިހާރު ހަފްތާތަކެއް ވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެހެންކަމުން، އެ މައްސަލަ ބެލުމަށް ފަހު ޑިފެންސް މިނިސްޓްރީން ވަނީ ޔޯޝިތާއާ ދެކޮޅަށް ފިޔަވަޅު އަޅަން ލަންކާ ނޭވީ އަށް އަންގައިފަ އެވެ.

ސްރީލަންކާގެ ގަވާއިދުތަކުގައިވާ ގޮތުން، އެގައުމުގެ ސަލާމަތީ ފައުޖުތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެފައުޖެއްގެ ކޮމާންޑަރެއްގެ ހުއްދައާ ނުލައި ބޭރު ގައުމަކަށް ޒިޔާރަތް ކޮށްފި ނަމަ އެ އޮފިސަރަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ އެވެ. ނަމަވެސް، ލެފްޓެނެންޓް ޔޯޝިތާ ތަކުރާރުކޮށް ބޭރު ގައުމުތަކަށް ދަތުރުކުރި ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ނުކުޅެދިފައި ކަމަށް ލަންކާ ނޭވީން ހެދި ތަހުގީގުތަކުން ސާބިތުވި އެވެ.

ލަންކާގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ޔޯޝިތަ ރާޖަޕަކްސަ ހުކުރު ދުވަހު ހައްޔަރު ކުރީ، ލަންކާގެ ކުޅިވަރު ޓީވީ ޗެނަލެއް ކަމުގައިވާ ކާލްޓަން ސްޕޯޓްސް ނެޓްވޯކުގެ ކޮރަޕްޝަނުގެ މައްސަލައެއްގެ ތަހްގީގަށެވެ. (ނޫސްއޭޖެންސީތައް)