އޯލެވެލް އިމްތިހާނުން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ އަދަދު މިދިޔަ އަހަރު ހަތަރު ޕަސެންޓް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ތަފާސްހިސާބުތަކުގެ ނަތީޖާތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގަައި ބައިވެރި 5011 ދަރިވަރުންގެ ތެރެއިން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ އަދަދު 56 ޕަސެންޓަށް އަރަ އެވެ. ނަމަވެސް 2014 ވަނަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދަކީ 52 ޕަސެންޓެވެ. އެހެންކަމުން 2014 ވަނަ އަހަރާ އަޅާ ބަލައިއިރު، މިދިޔަ އަހަރު ވަނީ ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ހަތަރު ޕަސެންޓަށް އިތުރުވެފަ އެވެ.

އެޑުކެޝަން މިނިސްޓްރީން ނޫސްވެރިންނަށް މައުލޫމާތު ދެނީ--

އެޑިއުކޭޝަން މިިނިސްޓްރީ އިން ބުނެފައި ވަނީ މަޖުބޫރު މާއްދާތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި އާއި ހިސާބު ދެ މާއްދާއިން ވެސް 2014 ވަނަ އަހަރަށްވުރެ އެއް ޕަސެންޓުގެ ކުރިއެރުމެއް މިދިޔަ އަހަރު ހޯދިފައިވާ ކަމަށެވެ. އެގޮތުން އިނގިރޭސިން 41 ޕަސެންޓު ދަރިވަރުން މިދިޔަ އަހަރު ފާސްވެފައިވާއިރު ހިސާބުން ދަރިވަރުން ފާސްވި ޕަސެންޓަކީ 51 އެވެ. އިސްލާމުން 2014 ވަނަ އަހަރު 73.1 ޕަސެންޓު ދަރިވަރުން ފާސްވެފައިވާއިރު މިދިޔަ އަހަރު ވަނީ އެ އަދަދު 76.3 ޕަސެންޓަށް އިތުރުވެފައެވެ. އެންމެ ބޮޑު ކުރިއެރުމެއް އައިސްފައި ވަނީ ދިވެއްސަށެވެ. އެގޮތުން 2014 ވަނަ އަހަރު އެ މާއްދާއިން ފާސްވި ޕަސެންޓަކީ 75.2 އެކެވެ. އަދި މިދިޔަ އަހަރު އެ އަދަދު 81 ޕަސެންޓަށް ވަނީ ފާސްވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުގެ ނިސްބަތުން ފަސް މާއްދާއިން ފާސްވެފައިވާ ސްކޫލުތައް ވެސް 2014 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށެވެ.

"ފަސް މާއްދާއިން 60 ޕަސެންޓަށްވުރެ މަތިން ފާސްވި ސުކޫލުގެ އަދަދަކީ 2014 ވަނަ އަހަރުގައި 38 ސްކޫލު. ނަމަވެސް 2015 ވަނަ އަހަރުގައި 60 ޕަސެންޓަށްވުރެ މަތިން 63 ސްކޫލު ހޯދި. 80 ޕަސެންޓަށްވުރެ މަތިން ފާސްވާ ސްކޫލުތަކަކީ ވަރަށް ބުރަ މަސައްކަތުން ވާ ކަމެއް. 2014 ގައި އެކަން ހާސިލްވެފައިވަނީ އަށް ސްކޫލަކުން. ނަމަވެސް 2015 ވަނަ އަހަރު 17 ސްކޫލަކުން އެ ނަމްބަރު ވަނީ މަތިވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދުވެސް ވަނީ ދަރިވަރުންގެ ނިސްބަތުން 2014 އަށްވުރެ މަތިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 2014 ވަނަ އަހަރުގައި ވަނީ އަށް ޕަސެންޓް ދަރިވަރުން ގަދަ 10 ގައި ހިމެނިފައެވެ. އަދި މިއަހަރު ވަނީ އެ އަދަދު ނުވަ ޕަސެންޓަށް އަރާފައި ކަމަށް އާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ސަރުކާރުގެ ސްކޫލުތަކާއި ޕްރައިވެޓް ސެންޓަރުތަކުން ގިނަ ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނުގައި ބައިވެރި ވެފައިވާއިރު، މިދިޔަ އަހަރު އިމްތިހާނުގައި ޖުމްލަ 188 ސަރުކާރު ސްކޫލަކުން 5،011 ދަރިވަރުން ވަނީ ބައިވެރި ވެފަ އެވެ. ޕްރައިވެޓް ސެންޓަރުތަކުން ބައިވެރިވެފައި ވަނީ 1،803 ދަރިވަރުން ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެ ދަރިވަރުން ބައިވެރި ވެފައި ވަނީ ޖުމްލަ 51 ސެންޓަރަކުންނެވެ.