މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އިން 1.1 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ 1990 ވަނަ އަހަރު ސަރުކާރުން އެކުންފުންޏަށް ކުއްޔަށްދޫކުރި އދ. ވިލިނގިލިވަރުގެ ކުލި ނުދެއްކުމުން ޖޫރިމަނާ ފައިސާގެ ގޮތުގައި އަރާފައިވާ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރި މައްސަލަ ބެލުމަށް ފަހު އެވެ.

ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި އެ ކުންފުންޏަށް ވަނީ އަންގައިފަ އެވެ.

އދ. ވިލިނގިލިވަރު ގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަން 1990 ވަނަ އަހަރުން ފެށިގެން 21 އަހަރަށް އެމްއެންއެސްއެލް އަށް ދީފައިވަނިކޮށް 1997 ވަނަ އަހަރު އެ ކުންފުނިން ވަނީ އެ ރަށް އަމިއްލަ މީހަކަށް ވިއްކާލައިފަ އެވެ.

އެރަށް ވިއްކާލި އިރު، ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 43،000 އަށް ވުރެ ގިނަ ޑޮލަރު އެކުންފިނިން އޮތީ ދައްކަންޖެހިފަ އެވެ. އެ ކުންފުނިން އެ ފައިސާ ދައްކާފައި ވަނީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އެމްއެންއެސްއެލް ބަނގުރޫޓުވުމާ ގުޅިގެން އެކުންފުނި އުވާލުމަށް ފަހު، އާ ކުންފުންޏެއް އުފެއްދުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.