ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދޫކުރަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ "އެސްއެމްއީ" ލޯނަށް 400 އަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައިފިއެވެ.

އެ ލޯނަށް އެދުމުގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު، އިކޮނޮމިކް މިނިސްޓްރީގެ އެސްއެމްއީ ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން މިއަދު ސަންއަށް ވިދާޅުވީ، އެލޯނަށް ތަރުހީބު ލިބިފައިވާ ކަމަށާއި އެގޮތުން 400 އަށްވުރެ ގިނަ އެޕްލިކޭޝަން އެކި ފަރާތްތަކުން ހުށައަޅަފައިވާ ކަމަށެވެ.

ފިރުޝާން ވިދާޅުވީ އެލޯނަށް އެދުނު ފަރާތްތަކުގެ އެޕްލިކޭޝަންތައް ދެ މަސް ތެރޭގައި އިވެލުއޭޓްކޮށް ކުރިއަށްއޮތް ތިން ވަރަކަށް މަސްތެރޭ ފައިސާ ދޫކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ތިން މަސް ނުވަތަ ހަތަރު މަސް ތެރޭގައި އަތައް ލާރިލިބޭވަރު ވޭތޯ،" ފިރުޝާން ވިދާޅުވިއެވެ.

އަށާރަ އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް އެ ލޯނަށް އެދެވޭއިރު އަންހެނުންނާއި ޒުވާނުންގެ އިތުރުން ރާއްޖެއަށް އެތެރެކުރާ މުދަލެއް ރާއްޖޭގައި ތައްޔާރު ކުރަން ލޯނަށް އެދޭ ފަރާތްތަކަށާއި މާލެ، ވިލިމާލެ، ހުޅުމާލެ ނޫން ސަރަހައްދުތަކުގައި ވިޔަފާރި ފެށުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ތިމާވެށި ހިމާޔަތްކުރެވޭ ގޮތަށް މަސައްކަތްކުރަން ރާވާފައިވާ ފަރާތްތަކަށް އިތުރަށް މާކްސް ލިބިގެންދާނެ ކަމަށް ފިރުޝާން ވިދާޅުވި އެވެ.

އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން 500،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ގިނަ ބަޔަކު ހިއްސާވާ ވިޔަފާރިތަކަށް ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާ އެވެ.

ލޯން ދޫކުރާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރު ފަތުރާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާއި ކޯޕަރޭޓިވްތަކާއި ހިދުމަތްދޭ ފަރާތްތަކާއި ވޭސްޓްމެނޭޖްމަންޓް ދާއިރާ ހިމެނެ އެވެ.