ކޮލޮމްބޯއިން: މާހިލް މުހައްމަދު

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ސްރީލަންކާގެ ގާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށް ސްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) އިން ހާމަކޮށްފި އެވެ.

އެމްއީސީސީގެ އެޑްމިނިސްޓްރޭޓާ އަދި ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުގެ ތާޑް ސެކްރެޓަރީ އަބްދުލްރަޝީދު އާދަމް (އަދުރޭ) "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅޭ ގިނަ ދިވެހީންނަށް ލަންކާގެ ގާނޫނުތަކާއި ގަވައިދުތައް ބައްޓަން ވެފައިވާ ގޮތްތައް ރަނގަޅަށް ނޭނގޭތީ ބައެއް މައްސަލަތަކާ ކުރިމަތިވާ ކަމަށެވެ.

"މިސާލަކަށް ބައެއް ފަހަރު ލަންކާއަށް އެތެރެކުރާ ބައެއް އެއްޗެއްސަކީ އެތެރެކުރުން ހުއްދަ އެއްޗެއްސަށް ނުވޭ، އެތަކެތި އެއާޕޯޓުން ހިފަހައްޓާ. ވިސާ ޖެހުމުގައި ވެސް ބައެއް އިޝޫސްތައް ކުރިމަތިވޭ. އެހެންވީމާ މިކަންކަން ކުރާނެ ގޮތާއި، ހޯދަންޖެހޭ ތަކެތި ހޯދުމާއި ކަން ކުރަންވީ ގޮތް ބުނެދިނުން މައިގަނޑު މަގްސަދަކީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އެމްއީސީސީގެ މި ޕްރޮގްރާމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އަމާޒުކޮށްގެން ކުރިޔަށް ގެންދާނެ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، ލަންކާގައި ދިރިއުޅޭ އެންމެ އުމުރުން ހަގު ދިވެހީން ވެސް ބޮޑުވެގެން ދާ އިރު، ލަންކާގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް އަންގަން އެމްއީސީސީއިން ބޭނުންވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މިސާލަކަށް، ދިވެހި ރާއްޖޭގެ ގާނޫނުގައިވާ އޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ދުންފަތުގެ އިސްތިއުމާލު ކުރެވޭ. އެކަމަކު ލަންކާގެ ގާނޫނުގައި އެކަން ތަފާތު. މިކޮޅުގައި 21 އަހަރުން ދަށުގެ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް."

"މި ސެންޓަރުގެ ތެރެއަށް ވަދެގެން އަންނަ އިރު އެ މީހަކަށް ދިވެހި ގާނޫނުގެ ހިމާޔަތް ލިބިގެން ދިޔަޔަސް މިތަނުން 'އެމްއީސީސީ އިން' ބޭރަށް ނުކުތުމުން އޭނާއަކަށް ނޯންނާނެ ދިވެހި ރާއްޖޭގެ ގާނޫނުގެ ހިމާޔަތެއް. އޭނާ އެހިސާބުން ފޮލޯ ކުރަން ޖެހޭނީ ލަންކާގެ ގާނޫނަށް. މާނައަކީ 18 އަހަރު ވިޔަކަސް ނެތޭ އޭނާއަށް ދުންފަތުގެ އިސްތިއުމާލު ކުރެވޭކަށް. އެއީ މިތަނުގެ ގާނޫނު އޮންނަ ގޮތް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ވިސާ ޖެހުމުގައި ވެސް ބޮޑެތި މައްސަލަތައް ދިވެހީންގެ މެދުގައި ދިމާވާ ކަމަށާއި، އެކަމުގެ ސަބަބަކީ ކަން ހިނގާ ގޮތް ރަނގަޅަށް އެނގުނު ނަމަވެސް މާ ބޮޑު ފަރުވާލެއް ނުބަހައްޓާތީ ކަމަށެވެ.

އަދުރޭ ވިދާޅުވީ ބައެއް ދިވެހީން ލަންކާގައި އުޅޭ އިރު ވިސާ ޖަހަން ދަނީ ވިސާގެ މުއްދަތު ހަމަވާން އެއް ދުވަސް ވީމާ ކަމަށެވެ. އަދި ލިޔެކިޔުން ހަމަނުވަނީސް ވިސާ އެޕްލިކޭޝަން ބަލައި ނުގަންނާނެ ކަމާއި، ވިސާ ޕްރޮސެސް ކުރުމަށް ދުވަސްތަކެއް ނަގާނެކަން އެނގޭ އިރު ވެސް އެކަމާއި މެދު ގިނަ މީހުން ނުވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކަން އެނގިހުރެ އެއް ދުވަސް ވީމަ އެތަނަށް ގޮސް ޖޫރިމަނާ ވެގެން، ނުވަތަ އެހެން ކަމެއް ދިމާވީމައެއް ނޫން ކަންނޭނގެ މިކަންތަކާ މެދު ވިސްނަން ޖެހޭނީ. މިކަންކަން ބުނެދިނުން މައިގަނޑު މަގްސަދަކީ،"

އަދުރޭ ވިދާޅުވީ، އެމްއީސީސީއިން ރާވާފައި ވަނީ، މިފަދަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ކޮންމެ ހަ މަހަކުން އެއްފަހަރު އެ ސެންޓަރުގައި ބޭއްވުމަށް ކަމަށާއި، މި ޕްރޮގްރާމުގެ އެންމެ ފުރަތަމަ ސެޝަން މި ހިނގާ ފެބްރުއަރީ މަހުގެ ފަހުކޮޅު ނުވަތަ ކުރިޔަށް އޮތް މާޗް މަހުގެ ކުރީކޮޅު ބާއްވާނެ ކަމަށެވެ.

"ސްރީލަންކާގައި ދިރިއުޅޭ، އަދި ދިވެހި ހައިކޮމިޝަނުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ ދިވެއްސަކަށް އަޅުގަނޑުމެން އެސްއެމްއެސް ފޮނުވައިގެން ދައުވަތު ދޭނަން،" އަދުރޭ ވިދާޅުވި އެވެ.

ލަންކާގެ ގާނޫނުތަކަށް ދިވެހީން ހޭލުންތެރިކުރުވުމަށް އެމްއީސީސީއިން ހާއްސަ ސެޝަންތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާ އިރު، ސްރީލަންކާގައި މިހާރު 14،000 އަށް ވުރެ ގިނަ ދިވެހީން ދިރިއުޅެމުން ދާ ކަމަށް ބެލެވެ އެވެ.