02 Feb 2016, 12:01
ޒުވާނުންނަަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ ކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ޒުވާނުން އަހުލުވެރި ކުރުވުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކިއްސަރު ފެއާ މިއަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.
ކިއްސަރު ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19-20 އައްޑޫ ސިޓީގެ އިކޮޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައެވެ.
ޔޫތު މިނިސްޓްރީ އިން ބުނީ، މި ފަހަރުގެ ފެއާގައި 35 ސްޓޯލެއް ބައިވެރިވާ ކަމަށެވެ. އަދި އިތުރަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
މިފަހަރުގެ ފެއާގައި 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
ޔޫތު މިނިސްޓްރީ އިން ބުނީ، މިހާރު ކުރިއަށް ދަނީ ސްޓޯލްތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު އެ މިނިސްޓްރީގެ ޓީމެއް އައްޑޫ ސިޓީއަށް ދާން ނިންމާފައިވާ ކަމަށްވެސް ޔޫތު މިނިސްޓްރީ އިން ބުނެއެވެ.
މިދިޔަ އަހަރުގެ ކިއްސަރު ފެއާ ބާއްވާފައި ވަނީ މާލޭގައެވެ. އެފަހަރުގެ ފެއާގައި ރާއްޖޭގައި މަތީ ތައުލީމު ދޭ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން 31 ސްޓޯލް ބައިވެރިވެފައި ވެއެވެ.