02 Feb 2016, 12:13
ޖިއްދާ (ފެބްރުއަރީ 2): މައްކާގެ ހަރަމްފުޅުތެރެއަށް ކްރޭނެއް ވެއްޓި 107 މީހަކު ޝަހީދުވި ހާދިސާއާ ގުޅުން ހުރި ކަމަށް ޔަގީންވެފައިވާ 40 މީހެއްގެ މައްޗަށް ދައުވާ ކުރަން ސައުދީ އަރަބިއާއިން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި އެ ހާދިސާއާ ގުޅިގެން ތުހުމަތު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަރަމްފުޅުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ ކުންފުނި، ސައުދީ ބިންލާދިން ގުރޫޕުގެ 30 އިސް އޮފިޝަލުންނާއި ޑައިރެކްޓަރުންނާއި ޓެކްނީޝަނުންނެވެ. އަދި ސައުދީ ސަރުކާރުގެ ކަމާ ބެހޭ ޑިޕާންޓްމެންޓުތަކުގެ 10 ފަރާތެއްގެ މައްޗަށް ވެސް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މައްކާގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ ތުހުމަތު ކޮށްފައިވާ މީހުންނާ ދެކޮޅަށް ކުރާނެ ދައުވާތަކުގެ ލިސްޓެއް އެކުލަވާލަމުންނެވެ. ތުހުމަތު ކޮށްފައިވާ މީހުންގެ މައްޗަށް ކުރާނެ ކަމަށް ބެލެވޭ ދައުވާތަކުގެ ތެރެއިން ވަޒީފާއަށް ފަރުވާތެރި ނުވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ޝަހީދުވި މީހުންގެ އާއިލާއަށް މަރުގެ ދިޔަ ދޭން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. (ސައުދީ ގެޒެޓް)