02 Feb 2016, 11:14
ދެމެހެއްޓެނެވި ގޮތެއްގައި ކަނޑުގެ ބާވަތްތައް ބޭނުންކުރުމަށް ގޮވާލައި އެ ރޮނގުން މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ބައިނަލް އަގުވާމީ ހާއްސަ އެވޯޑެއް ކަމަށްވާ "ސީފުޑް ޗެމްޕިއަންސް އެވޯޑް ފޯ އެޑްވޮކަސީ" ރާއްޖެއަށް ލިބިއްޖެ އެވެ.
މޯލްޓާގައި ކުރިއަށްދާ މިއަހަރުގެ "ސީފްޑް ސީވެބް ސަމިޓް"ގައި ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވީ ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހުސައިން ޝިނާން އެވެ.

ސީ ފުޑް ޗެމްޕިއަން އެވޯޑް ފޯ އެޑްވޮކަސީ -- ދެމެހެއްޓެނެވިގޮތެއްގައި ކަނޑުގެ ބާވަތްތައް ބޭނުންކުރުމަށް ގޮވާލައި އެރޮނގުން މަސައްކަތްކުރާ ފަރާތްތަކަށްދެވޭ އެވޯޑް
ސީފުޑް ޗެންޕިއަންސް އެވޯޑަކީ ޒިންމާދާރުކަމާއެކީ ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ކުރާ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކާއި ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
ރާއްޖެއަށް އެވޯޑު ލިބިގެން ދިއުމަކީ ސަރުކާރުން އުފައްދާފައިވާ ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ ބެލުމުގެ ދަށުން ދިވެހިރާއްޖޭގައި ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތަކަށް މާކެޓް އަދި ފުރުސަތު ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބައިނަލް އަގްވާމީ ފެންވަރުގައި ބަލައިގަނެ، ފާހަގަ ކުރަމުންދާކަމުގެ ނަތީޖާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
އެހެންކަމުން މި އެވޯޑު ރާއްޖެއަށް ލިބުނުކަމީ ދިވެހި މަސްވެރިން ކުރާ ބުރަމަސައްކަތް ބޭރުގެ ޖަމާއަތްތަކުން ބަލައިގަނެ އަދި މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއަކާއި ޝަރަފެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ދޭ އެވޯޑުގައި ހިމެނެނީ ލީޑާޝިޕް، އިނޮވޭޝަން، ވިޝަން އަދި އެޑްވޮކަސީގެ ދާއިރާތަކެވެ.