02 Feb 2016, 11:03
ވަޔާއެކު ހެލޭ ނުވަނަ ތެޅޭ މެކޭނިކަލް ގަހެއް ފަދަ ހާއްސަ ސްޓްކްޗަރެއް ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ މަސައްކަތް، އިންޖިނިއަރުންތަކެއް ފަށައިފި އެވެ.
އޮހާޔޯ ސްޓޭޓް ޔުނިވާސިޓީގެ އިންޖިނިއަރުންތަކެއް މަސައްކަތް ކުރަމުން އަންނަ އެ ޕްރޮޖެކްޓުގައި ހަކަތަ އުފެއްދުމަށް ވިސްނަނީ ގަހުގެ މައިގަނޑުފަދަ ސްޓްރަކްޗަރުތަކެއް އުފެއްދުމަށް ކަމަށެވެ. ގަހަކީ ވަޔާއެކު އޮފިތަކާއި ފަތްތައް ހެލޭ އެއްޗަކަށްވުމާއެކު އެ ނަމޫނާއަކަށް ބަލައިގެން އުފައްދާ އެއްޗަކީ ވައި ޖެހުމުން ހެލޭ އެއްޗެކެވެ. ތަފާތަކީ މެކޭނިކަލް ގަސް ހެލޭ ވަރަކަށް ހަކަތަ އުފައްދާނެއެވެ. އެ ހަކަތައަކީ އެހެން ތަކެއްޗަށް ފޯރުކޮށްދެވޭނެ ހަކަތަ އެވެ.
ނަމަވެސް އެ ޕްރޮޖްކްޓުގެ ހަމައެކަނި ބޭނުމަކީ ވައިގެ އެހީގައި ހަކަތަ އުފެއްދުމެއް ނޫނެވެ. ޕްރޮޖެކްޓުގެ އިންޖިނިއަރުން ބުނެފައި ވަނީ ބްރިޖު އަދި އިމާރާތްތަކަށް އަންނަ ލޮޅުންތަކުގެ އެހީގައިވެސް ހަކަތަ އުފައްދާނެ ގޮތެއް ހޯދަމުން އަންނަ ކަމަށެވެ.
ލެބޯރަޓޮރީ އޮފް ސައުންޑް އެންޑް ވައިބްރޭޝަން ރިސާޗްގެ ޑިރެކްޓަރު ރާޔަން ހާން ވިދާޅުވީ ވަޔާއެކު އުސް އިމާރާތްތައް ކޮންމެވެސް ވަރަކަށް ލޮޅުން ނުވަތަ ހެލުން އަންނަ ކަމަށާއި ބްރިޖު މަތީގައި އުޅަނދު ދުއްވާއިރު ކޮންމެވެސް ވަރަކަށް ވައިބްރޭޝަން އުފެދޭ ކަމަށެވެ. އެހެން ކަމުން ބޭނުންވަނީ އެ ވައިބްރޭޝަން އާއި ހެލިލުން ހަކަތައަށް ބަދަލު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އިމާރާތްތަކުގެ ހެލިލުމާއި ބްރިޖުތަކުން އުފެއްދޭ ވައިބްރޭޝަންގެ ސަބަބުން ކައިނެޓިކް އެނާޖީ އުފެދޭ. ނަމަވެސް އެ ހަކަތަތަކަކީ ބޭނުން ކުރާ އެއްޗަކަށް ނުވުމުން އެތަކެތި ދަނީ ބޭކާރު ވެގެން. އެހެން ކަމުން އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އެ ހަކަތަ ތައް ރީސައިކަލްކޮށް ބޭނުންކުރެވޭނެ ގޮތެއް ހެދުން،" ހާން ވިދާޅުވިއެވެ.
ވައިބްރޭޝަންއާއެކު ނެގޭ ހަކަތަ ތަކުގެ އެހީގައި ފުރަތަމަ އެ ގަސް ފަދަ ސްޓްރަކްޗާތަކަށް ހަކަތަ ދެވޭނެ އެވެ. އެެހެން ކަމުން އެ ސްޓްރަކްޗަރުތަކަކީ އަމިއްލަ އުފައްދާ ހަކަތައިން މަސައްކަތް ކުރާނެ ތަކެއްޗެވެ. ހާން ވިދާޅުވީ އެ ސްޓްރަކްޗަރުތަކަކީ ސޯލާ ޕެނަލް ފަދަ ހަކަތަ އިޔާދަ ކުރާނެ ގޮތެއްނެއް ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ގޮތެއް ކަމަށެވެ.