ބްރިޖުގެ މަޝްރޫއަށް ބޭނުންވެގެން ކުރީގައި ސުނާމީ ބިނާ ބަހައްޓާފައި ހުރި ސަރަހައްދުގައި ހަދާފައިވާ ކަސްރަތު ޕާކްގައި ހުރި ގަސްތައް ކަނޑައި ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކަސްރަތު ޕާކްގެ އެއް ގަސް ފިޔަވައި ހުރިހާ ގަހަކާއި ރުއްތަކެއް މިހާރު ވަނީ ކަނޑާލައިފަ އެވެ. އަދި އެބިން ސާފުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މީގެ ކުރިން ވަނީ ފެމެލީ ކޯޓު ދޮރުމައްޗަށްވާ ގޮތަށް އޮންނަ ޕާކުގެ ވެސް ގަސްތައް ކަނޑައި އެ ބިން ސާފުކޮށްފަ އެވެ.

ލޮނުޒިޔާރަތްކޮޅުގައި ހުސްބިންތަކުގައި އިންދާފައިހުރި ގަސްތައް ކަނޑާލައި އެބިން ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ބްރިޖުގެ މަޝްރޫއަށްޓަކައެވެ.

އުސްފަސްގަނޑާއި އަޑިޕާކުގައި މިހާރު ދަނީ އިމާރާތްތަކެއް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މަސައްކަތް ފެށުމަށް ލޮނުޒިޔާރަތް ކޮޅަށް ވަދެވެން ހުރި ހުރިހާ މަގަކަށް ދުއްވާ އެއްޗިހި ނުވަދެވޭ ގޮތަށް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ބުރިޖްގެ މަސައްކަތް ކުރާ ސައިޓުގެ ގޮތުގައި އަޑި ޕާކު ހަމަޖައްސާފައިވާ އިރު އެސަރަހައްދުގެ އިތުރުން ބުރިޖު އަޅާ ސާމާނު ބަހައްޓަން ހުޅުލެ އާއި ހުޅުމާލެ އިން ވެސް ކޮންޓްރެކްޓަރަށް ބިމެއް ހާއްސަ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެ މަސައްކަތް ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ ވަނީ ރަސްމީކޮށް އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓު ޓީމް ވެސް މިހާރު ވަނީ މާލެ އައިސްފަ އެވެ.