ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއް ވިސްނުމަކަށް ގޮސްގެން ނޫނީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީގެ ނައިބު ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރޭ އިރާކޮޅު މުލިއާގެއަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދާއި ބައްދަލު ކުރައްވާ ކުރެއްވެވި މަޝްވަރާ ތަކާ ގުޅޭ މައުލޫމާތު ސަން އާއި ހިއްސާ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ރާއްޖެ މިވަނީ ވަރަށް ވެސް ނާޒުގު ފައްތަރެއްގައި ކަމަށާއި މި ދަނޑިވަޅުން އަރައިގަނެވޭނީ ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރައިގެން ކަމަށެވެ.

"އެބަ ޖެހޭ ނޭޝަނަލް އިންޓަރެސްޓުގައި ވާހަކަ ދެކެވެން. ދެކެވިފައި ހިޔާލު އެއްގޮތްވާ ކަންކަމާއި އެއްގޮތް ނުވާ ކަންތައް ހުންނާނީ. އެކަމަކު ގިނަ ކަންތައްތަކުގައި ހިޔާލު އެއްގޮތް ކުރެވިއްޖިއްޔާ ރާއްޖެ މިއޮތް ނާޒުކު ހާލަތުން އަރައިގަނެވޭނެ. ދެފަރާތަށް މޫނު ލައިގެން ފޫ ކަހައިގެން ގައުމު ކުރިއަކަށް ނާރާނެ. އެގޮތަށް ބައްދަލު ކުރަން ޖެހިއްޖިއްޔާ އަޅުގަނޑު ބައްދަލު ކުރާނަން. އަޅުގަނޑު ބައްދަލު ކުރާނީ ފާޅުގައި ބައްދަލު ކުރަންޖެހިއްޖިއްޔާ ފާޅުގައި،" ބައިގަޑިއެއް ހާއިރަށް ރައީސް ނަޝީދާ އެކު ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޓޫފޯވަން ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ އަލީ ވަހީދު އާއި ރައީސް ނަޝީދާ ކުރެވުނު މަޝްވަރާތަކާއި ދެކެވުނު މައިގަނޑު ވާހަކަތަކާ ގުޅޭގޮތުން އޭނާ ރޭ ވެސް ތަކުރާރުކުރެއްވި ގޮތަށް މިއަދުވެސް ވިދާޅުވީ މިހާރު ރާއްޖޭގައި ހިގަމުން އަންނަ މާރާމާރީތަށް ހުއްޓުވަން އެޅިދާނޭ ފަޔަވަޅުތަކާއި ކުރެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން މިކަމުން ސަލާމަތް ކުރެވިދާނޭ ގޮތާއި. މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތަކާއި. އަދި މިކަން ހުއްޓުވަން އެޅިދާނޭ މުހިންމު ފިޔަވަޅުތަކާއި ގުޅޭގޮތުން ވަރަށް ރަނގަޅަށް ވާހަކަދެކެވުނު. މީގެ ކުރިން އަޅުގަނޑު ފޯނުންވެސް އެވާހަކަ ދަންނަވާފައި ވާނީ. ދެން އަޅުގަނޑުމެން ބޭނުންވީ ބައްދަލު ކޮށްލާ އެ ވާހަކަ ދައްކާލަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ޑީއާރްޕީގެ މިހާރުގެ ލީޑާޝިޕާއި ރައީސް ނަޝީދާއި ސިޔާސީ ރަހުމަތްތެރި ގާތްގުޅުންތަކެއް ބާއްވާ ކަމަށް ތުހުމަތުތައް ކުރެވިފައި ވަނިކޮށް، ރައީސާ ބައްދަ ކުރެއްވެވި ކުރެއްވުމުގައި ސިޔާސީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިންތޯ ސުވާލު ދެންނެވުމުން އޭނ ވިދާޅުވީ "އަޅުގަނޑުމެންނަކީ ސިޔާސީ ފަރާތްތައް. އެހެން ވީމާ އަޅުގަނޑު ނެތިން އެ ވާހަކަތަކުގެ ތަފްސީލަށް ދާކަށް. އެހެންނަމަ އަޅުގަނޑުމެން އެ މަޝްވަރާ ކުރާނީ މީޑިއާގެ ހާޒިރުގައި،" ކަމަށެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ ރައީސާއި އަލީ ވަހީދު، މަޝްވަރާ ކުރެއްވީ ރާއްޖެއަށް ދިމާވެފައިވާ މާރާމާރީ ތަކުގެ މައްސަލައިގާ ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ހުރިހާ ވާހަކަތައް ރައީސް ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ރަނގަޅެއް ނުވާނެ ސިޔާސީ ދެ ބޭފުޅަކު ހާމަ ކުރަން ބޭނުންނުވާ ވާހަކައެއް މީޑިއާގައި ދެއްކުމެއް،" ޒުހައިރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑުވިދާޅުވެ ބަހުގެ ހަމަލާތަށް ދެއްވާ އަލީ ވަހީދު ރައީސް ނަޝީދާ ރޭ ބައްދަލު ކުރެވި އިރު މީގެ ދުވަސް ކޮޅެއް ކުރިން ވަނީ ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީވެސް ރައީސް ނަޝީދާއި އެކު ސިއްރު ބައްދަލުވުންތަކެއް ބޭއްވި ކަމުގެ އަޑު ފެތުރިފަ އެވެ. އެ އަޑުތަކާއި ގުޅިގެން އަދި މިހާތަނަށް ތަސްމީން ވެސް އަދި ރައީސް ނަޝީދު ވެސް އެވާހަކަތައް ދޮގުކޮށްފަ އެއްނުވެ އެވެ.