ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ، ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ރަށު ކާރުމަތީގެ، އަމާނުﷲ މަރުވި ހާދިސާގެ ފުރިހަމަ ތަހުގީގެއް ސަރުކާރުން ފަށައިފި އެވެ.

އެ ހާދިސާއާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މިހާރު ތަހުގީގު ފަށާފައިވާ ކަމަށެވެ.

އަމާނުﷲ މަރުވެފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީން ފަރެސް މާތޮޑާގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑުގެ މަސައްކަތަށް އެ ރަށުގައި ބޭނުންކުރަމުން ދިޔަ ލޯޑަރެއްގެ ދަށުވެ އެވެ.

އެ ހާދިސާ ހިނގި ގޮތް ސިފަ ކޮށްދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ ކުއްޖާ އިނީ ލޯޑަރުގެ ދަތްގަނޑުގެ ތެރޭގައި ކަމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށާއި އަދި ލޯޑަރު ދުއްވާލި އިރު އެ ކުއްޖާ އޭގެ ތެރޭގައި އިންކަން ޑްރައިވަރަށް ނޭނގޭ ކަމަށެވެ.

ލޯޑަރު ދުއްވާލި ވަގުތު، އޭގެ ދަތްގަނޑުގެ ތެރެއިން އަމާނުﷲ ވެއްޓި ލޯޑަރުގެ ދަށުވެފައިވާ އިރު، އެ ހާދިސާގައި އޭނާގެ މޫނު އެކީގައި ޗިސްވެފައިވާ ކަމަށް ފަރެސް މާތޮޑާ ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.

އަމާނު ﷲ މަރުވީ އިތުރު ފަރުވާއަށް އެ އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގަ އެވެ.

މިނިސްޓްރީން ބުނީ މައްސަލައިގެ ތަހުގީގަށް މިނިސްޓްރީ އާއި މަޝްރޫއުގެ ކޮންޓްރެކްޓަރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ލޯޑަރު ދުއްވި ދިވެހި ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.