02 Feb 2016, 09:56
ސެމްސަންގް ކުންފުނީގެ ގެލެކްސީ ސީރީޒްގެ ފޯނުތަކުގެ އެންމެ ފަހުން ނެރުމަށް ހަމަޖެހިފައިވާ ފޯނު "އެސް ސެވެން" މިމަހު 21 ގައި ދައްކާލުމަށް ނިންމައިފި އެވެ.
ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ނެރުމަށް ބާއްވާ ރަސްމިއްޔާތުގެ ދައުވަތު މިހާރު ވަނީ ދޫކުރަން ފަށާފައެވެ.
ބާސެލޯނާގެ އަމީގޯގައި ބާއްވާ މޯބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ)ގައި ދައްކާލުމަށް ހަމަޖެހިފައިވާ އެސް ސެވެން ސީރީޒްގެ ފޯނުތަކާ ބެހޭ އެއްވެސް މައުލޫމާތެއް މިފަހަރަކު ލީކް ވެފައެއް ނުވަތަ ހާމަކޮށްފައެއް ނުވެއެވެ.
ކޮންގްރެސްގައި ސެމްސަންގް އިން ބާއްވާ ރަސްމިއްޔާތުގައި އެ ކުންފުނިން އިތުރު ޑިވައިސްތަކެއްވެސް ދައްކާލާނެ ކަމަށް އެ ކުންފުނިން ވަނީ އިޝާރާތް ކޮށްފައެވެ. އެގޮތުން ރަސްމިއްޔާތުގެ ދައުވަތާއެކު ވަނީ ހާއްސަ ޓީޒަރެއް ރިލީޒްކޮށްފައެވެ.
އެ ޓީޒަރުގައި ދައްކަނީ ކުންފުނީގެ ވާޗުއަލް ރިއޭލިޓީ ޑިވައިސް ކަމަށްވާ ގިއާ ވީއާރު ހެޑްސެޓެވެ. އެހެން ކަމުން އެއާ ގުޅުން ޑިވައިސް އެއް ކޮންގްރެސްގައި ސެމްސަންގުން ނެރުމަކީ ވުން އެކަށީގެންވާ ކަމެކެވެ. ނުވަތަ ވާޗުއަލް ރިއޭލިޓީގެ ހިދުމަތެއް ސެމްސަންގެ އާ ފޯނުގައި ގާއިމްކޮށްފައި ވުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ.
ބައެއް ސޯސްތަކުން ބުނާގޮތުގައި މިމަހު ނެރެން ހަމަޖެހިފައިވާ ގެލެކްސީ އެސް ސެވެން ސީރީޒްގެ އެކި ސައިޒުގެ ފޯނު ނެރޭނެއެވެ. އަދި އެފޯނުތައް އިންނާނީ ތަފާތު ދެ ވޭރިއެންޓް އަކަށް ކަމަށް ވެސް ވަނީ ސޯސްތަކުން ބުނެފައެވެ. އެއީ އާދައިގެ އެސް ސެވެން އަކާއި އެސް ސެވެން އެޖްގެ ވޭރިއެންޓެވެ.