02 Feb 2016, 09:16
ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ތަރިއަކީ ޕްރިޔަންކާ އޭ ބުންޏަސް މިހާރު ދޮގަކަށް ނުވާނެ އެވެ. ބޮލީވުޑްގެގައި ވިދާލުމަށްފަހު އޭނާ އެ ވަނީ ހޮލީވުޑްގައި ވެސް އެންމެ ވިދާ ތަރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފަ އެވެ.
ޕްރިޔަންކާ ހޮލީވުޑަށް ތައާރަފު ވީ އެމެރިކާގެ ޓީވީ ސީރީސް އެއް ކަމަށްވާ ކުއަންޓިކޯ އިންނެވެ. އެ ސީރީސް އަށް ދުނިޔޭގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އިރު، ޕްރިޔަންކާއަށް ވެސް ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި އިތުރަށް ކުރިއެރުމަށް ފުރުސަތު ތަކެއް ފަހި ވެފަ އެވެ.
ހޮލީވުޑްގެ ފިލްމުތައް ކުޅެން ފުރުސަތު ލިބުމާއެކު، ހޮލީވުޑްގެ އެކިއެކި އެވޯޑް ޝޯވް ވެސް ހުށައެޅުމުގެ ފުރުސަތު އޭނާ އަށް ދަނީ ލިބެމުންނެވެ. އެގޮތުން މިމަހު 28 ވަނަ ދުވަހު އޮންނަ 88 ވަނަ އޮސްކާ އެވޯޑްސް ޝޯވް ވެސް ހުށައެޅުމުގެ ފުރުސަތު ޕްރިޔަންކާ އަށް ވަނީ ލިބިފައެވެ.
އޮސްކާގެ 13 ޕްރެޒެންޓަރުން އިއުލާނު ކުރުމަށް "ދަ އެކަޑެމީ" އިން މިއަދު ކުރި ޓުވީޓުގައި ވެސް ޕްރިޔަންކާގެ ނަން ވަނީ ހިމެނިފަ އެވެ. އެހެންކަމުން މުޅި އިންޑިއާ ޕްރިޔަންކާ އާމެދު ފަހުރުވެރި ނުވާންވީ ސަބަބެއް ނެތެވެ.
ހޮލީވުޑްގައި ޕްރިޔަންކާ ފައިތިލަ ސާބިތު ކޮށްފައިވާއިރު، ދީޕިކާ ޕަދުކޯންވެސް ވަރަށް އަވަހަށް ހޮލީވުޑަށް ތައާރަފު ވާނެ އެވެ. އޭނާ މިހާރު ވެސް އަންނަނީ ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ވިން ޑީސަލް އާއެކު ފިލްމެއް ކުޅުމުގެ މަސައްކަތް ކުރަމުންނެވެ.