02 Feb 2016, 09:34
ޒުވާން ވިޔަފާރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯނުގެ ފައިސާ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށެވެ.
ގެޓްސެޓްގެ ޕްރޮގުރާމް މެނޭޖަރު މަހީލް އަލީ ޖަލީލް "ސަން"އަށް މިއަދު ވިދާޅުވީ ލޯނު ލިބުނު ފަރާތްތަކަށް ފައިސާ ދޫކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރުވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލޯންގެ ފައިސާ ދޫކުރެވިގެންދާނެ ކަމަށެވެ.
"މިބަލަނީ މި ޓޫ ވީކްސް ތެރޭގައި ޑިސްޕޯސްމަންޓްތައް ދޫކުރަން، މި ހަފްތާއާއި މިފެށޭ ހަފްތާގެ ތެރޭގައި ޑިސްޕޯސް ކޮށްލެވޭތޯ މިބަލަނީ،" މަހީލް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 72 ޒުވާނަކަށް ގެޓްސެޓް ލޯން ދިނުމަށް ނިންމައި އެކަން އިއުލާން ކުރި ނަމަވެސް މިހާތަނަށް އަދި އެ ލޯނުގެ ފައިސާ ދޫކޮށްފައެއް ނުވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ 72 ޒުވާނުންނަށް ޖުމުލަ 25 މިލިއަން ރުފިޔާގެ ލޯން ދޫކުރެވިގެންދާއިރު އެއީ އާ ވިޔަފާރިތަކަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.
ފަސް އަހަރު ތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.