އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ، މަނިޕުރްގެ އިންފާލް ސިޓީގެ ވިލެޖެއްގައި ގޮތް ނޭނގޭ އާދަޔާ ޚިލާފު ބަލިމަޑުކަމެއް ފެތުރި، 200 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފިއެވެ.

އިންޑިއާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަނިޕުރްގެ އިންފާލް ސިޓީގެ ތައުބާލް އަވަށުގެ 200 އަށްވުރެ ގިނަ އާއިލާއިން 350 އަށްވުރެ ގިނަ މީހުންގެ ގައިން ވަނީ މި ބަލިމަޑުކަން ފެނިފައެވެ. އަދި އޭގެ ތެރޭން 200އަށް ވުރެ ގިނަމީހުން އިމްފާލްގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްއާއި ޖޭއެން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސާއި އަމިއްލަ އިތުރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދީން ހިމެނޭކަމަށްވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަނިޕުރްގެ ވިލެޖަކަށް ފެތުރިފައިވާ ބަލިމަޑުކަމުގެ އަލާމާތްތައް އެންމެ ވައްތަރީ ކޮލެރާގެ އަލާމާތްތަކާއެވެ. އެހެން ނަމަވެސް، ސިއްހީ މާހިރުން ވިދާޅުވެފައި ވަނީ، އެ ބައްޔާ ބެހޭގޮތުން އެއްޗެއް ވިދާޅުވާން އެނގޭނީ އިތުރަށް ތަހުލީލުތައްކޮށް ދިރާސާކުރުމަށް ފަހު ކަމަށެވެ.

ގޮތްނޭނގޭ އެ ބަލިޖެހިފައިވާ މީހުންގެ ހަށިގަނޑުން ފެނިފައިވާ ބަލީގެ އަލާމާތްތަކުގެ ތެރޭގަައި، ގަދައަށް ހުން އައުމާއެކު ހޮޑުލެވުމާއި، ބޭރަށް ހިންގުން ހިމެނެއެވެ.

އެނދުމަތި ކޮށްފައިވާ ބައެއް މީހުންގެ ހާލު ވަރަށް ނާޒުކު ކަމަށާއި އެހެން ނަމަވެސް އަދި މިހާތަނަށް އެ ބަލީގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ގޮތް ނޭނގޭ އެ ބަލިޖެހިފައިވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމާއި، ގިނަ ބަޔަކު އެޑްމިޓް ކުރެވޭނޭ ވަސީލަތްތައް އެސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލް ތަކުގައި ނެތުމުގެ ސަބަބުން، އެތައް ބަޔަކު ހޮސްޕިޓަލް ތަކުގެ ކޮރިޑޯތަކާއި ތަޅުންމަތީގައި އޮށޯވެގެން ތިބިކަމަށް ވެއެވެ.

މަނިޕުރްގެ ހެލްތު މިނިސްޓަރު ފުންގްޒަތަންގ ޓޮންސިންގ އާ ހަވާލާދީ ފަސްޓްޕޯސްޓުން ބުނެފައި ވަނީ، އިންފާލް ސިޓީގެ ތައުބާލް އަވަށުގެ ފެތުރެމުންދާ ބަލިމަޑުކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ސްޓޭޓްގެ ސިއްހީ މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.