އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓަށް ވާދަކުރާ ޑޮނަލްޑް ޓްރަމްޕަކީ މުޅި ދުނިޔޭގެ އެކި ހިސާބުތަކުން އެކި މީހުންގެ ނުރުހުން އަމާޒުވެފައިވާ ކެންޑިޑޭޓެކެވެ. އޭނާ ދައްކާފައި ހުރި ބައެއް ވާހަކަތަކުގެ ސަބަބުން ރުޅި ގަދަވެފައިވާ ބައެއް ދީންތަކާއި ބައެއް ނަސްލުތަކުގެ މީހުން މަދެއް ނޫނެވެ. އަދި އޭނާގެ ވާހަކަތަކުގެ ސަބަބުން، އޭނާ ބައެއް ގައުމުތަކަށް ވަނުން މަނާ ކުރުމަށް ވެސް އެގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގައި މަޝްވަރާ ކުރާ ހިސާބަށް ގޮސްފައިވެ އެވެ.

ޑޮނަލްޑް ޓްރަމްޕް މި ފަހަކަށް އައިސް އޭނާގެ ކެމްޕޭނު ރެލީތަކުގައި، އިނގިރޭސި ލަވަކިޔުންތެރިޔާ އެޑޭލް އެޑްކިންސްގެ މިއުޒިކު ޖަހަމުން އަންނަ ކަމަށްވެ އެވެ.

އެމެރިކާގެ މަޝްހޫރު ބިލިއަނަރު އަދި ރިޕަބަލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭޕީ

އެމެރިކާގެ އެކި ހިސާބުތަކުގައި ޓްރަމްޕްގެ ކެމްޕޭނު ރެލީތަކުގައި އެޑޭލްގެ ލަވަތައް ޖަހަމުން ދާތީ، އެޑޭލް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

އެޑޭލް އޭނާގެ ތަރުޖަމާނަކު މެދުވެރިކޮށް ސީއެންއެންއަށް ބުނެފައިވަނީ، ޓްރަމްޕްގެ ކެމްޕޭނުތަކުގައި އެޑޭލްގެ ލަވައާއި މިއުޒިކު ބޭނުންކުރުމުގެ ހުއްދަ އެޑޭލް ދީފައި ނުވާ ކަމަށެވެ.

އެޑޭލްގެ ދެ ލަވައެއް ކަމުގައިވާ "ސްކައިފޯލް" އަދި "ރޯލިންގ އިން ދަ ޑީޕް" އަކީ، ޓްރަމްޕްގެ ކެމްޕޭނުތަކުގައި ގަވައިދުން ޖަހަމުން އަންނަ ދެ ލަވަ އެކެވެ.

އެޑޭލްއަކީ، ޓްރަމްޕްއާ އެއްވެސް ގުޅުމެއް ނެތްކަން ހާމަކުރި ފުރަތަމަ ފަންނާނެއް ނޫނެވެ. މީގެ ކުރިން، އޭރޯސްމިތު ބޭންޑުގެ ލަވަކިޔުންތެރިޔާ ސްޓީވަން ޓައިލާ ވެސް ވަނީ، އޭނާގެ މަޝްހޫރު ލަވަ "ޑްރީމް އޮން"، ޓްރަމްޕްގެ ރެލީތަކުގައި ބޭނުން ކުރަމުން ދާތީ، އެކަން ހުއްޓާލުމަށް ޓްރަމްޕުގެ ކެމްޕޭނު އޮފީހަށް އަންގައިފަ އެވެ.

މަސްދަރު:ސީއެންއެން