02 Feb 2016, 00:37
ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުއިކަމާއި އެކު "ޒިކާ" ވައިރަސް ފެތުރެމުން ދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދުނިޔޭގެ ހުރިހާ ހިސާބަކަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް މާގަރެޓް ޗަން ވިދާޅުވީ، ޒިކާ ވައިރަސް ފެތުރުމަކީ އާދަޔާ ޚިލާފު ކަމެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެން ގުޅިގެން ޒިކާ ވައިރަސް ނައްތައިލުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ސިއްހީ މާހިރުން ލަފާ ކުރާ ގޮތުގައި، މި ވައިރަސް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަރަށް ހަލުއިކަމާ އެކު ފެތުރެމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޒިކާ ވައިރަސް ގިންތި ކޮށްފައިވަނީ، މީގެ ދެ އަހަރު ކުރިން ދުނިޔޭގައި ހަލުއިކަމާއި އެކު ފެތުރެމުން ދިޔަ އެބޯލާ ބައްޔާއި އެއް ގިންތިއެއްގަ އެވެ.
އެހެން ނަމަވެސް ޒިކާ ވައިރަހަކީ އެބޯލާއަށް ވުރެ މާ ނުރައްކާތެރި އެއްޗެއް ކަމަށް މާހިރުން ގަބޫލު ކުރެ އެވެ.
ޒިކާ ވައިރަހުގެ އަސަރު މިހާތަނަށް ދުނިޔޭގެ 23 ގައުމަކަށް ކޮށްފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވެ އެވެ.

ޒިކާ ވައިރަހުގެ ސަބަބުން މައިކްރޯސެފަލީ ހާލަތު ދިމާވެފައިވާ ތުއްތު ކުއްޖެއް --
ޒިކާ ވައިރަހަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހަކަށް ވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައި ވަނީ ބައެއް ގައުމުތަކަށް ދަތުރު ކުރުން މަނާ ކުރުމުގެ ބަދަލުގައި، މަދިރި ކޮންޓްރޯލު ކުރުމަށެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް މާގަރެޓް ވިދާޅުވީ، ޒިކާ ވައިރަސްއިން ރައްކާތެރިވުމަށް މާބަނޑު އަންހެނުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.
"އާއިލީ ކަންކަމަށް ބުރޫ ނާރާ ކަހަލަ ގޮތަކަށް، ދަތުރުތައް ކުރުން މަޑު ޖައްސާލައި ހެދުމަކީ ކުރެވިދާނެ ކަމެއް. މާބަނޑު މީހުން ދަތުރު ކުރަން ބޭނުންވާ ނަމަ ޑޮކްޓަރުންގެ ލަފައާއި އިރުޝާދު ހޯދުން މުުހިންމު. އަދި މަދިރިން ރައްކާތެރިވުމަށް، މަދިރި ރިޕެލެންޓް ބޭނުންކޮށް، ހަށިގަނޑު ކަޝްފު ނުވާ ފަދަ ހެދުން އެޅުން މުހިންމު،" މާގަރެޓް ވިދާޅުވި އެވެ.
ޒިކާ ވައިރަސް ޖެހިފައިވާ މީހުން ވިހާ ތުއްތު ކުދިންގެ ބޮލުގެ ނާށިގަނޑާއި ސިކުނޑި އައިބު ވެ އެވެ. މި ހާލަތަށް ކިޔަނީ "މައިކްރޯސެފަލީ" އެވެ. އެކުދިންގެ ބޮލާއި ސިކުނޑި ރަނގަޅަށް ނުއުފެދޭ އިރު، އެއާއި ވިދިގެން ވިސްނުމުގެ އުނިކަމާއި، ފެނުމާއި އަޑު އިވުމުގެ މަހްރޫމުކަމުން ފެށިގެން ޅަ އުމުރުގައި މަރުވުމުގެ ފުރުސަތު އެކުދިންނަށް ބޮޑެވެ.