މުޖުތަމައު އަށް ނުރައްކާތެރިކަމަށް ފުލުހުން ބުނާ ނުވަ މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ)ގެ ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ކުރި އަމުރާ އެއްގޮތަށް އޭނާ ދޫކޮށްލުމަށް ފަހު އަނެއްކާވެސް ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ގައްބަރޭ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި އަމުރާ އެއްގޮތަށް ފުލުހުން އޭނާ ދޫކޮށްލި އެވެ. ނަމަވެސް ދޫކޮށްލުމަށް ފަހު ދެވަނަ ފަހަރަށް ފުލުހުން ގައްބަރޭ ހައްޔަރުކުރީ އިއްޔެ މެންދުރު ފަހު އެވެ.

ފުލުހުން ގައްބަރޭ ހައްޔަރު ކުރި ނަމަވެސް މިކަމާބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް މިއަދު ބުނެފައެއް ނުވެ އެވެ.

ފުލުހުން ގައްބަރޭ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާން މަގާއި މަޖީދީ މަގު ގުޅުނު ޓްރެފިކް ލައިޓް ކައިރީގައި މަރާލި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ މަރުގެ މައްސަލައާ ގުޅިގެން މާލެތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާ މީހެއް ކަމަށް ބުނެ އެވެ.

އޭނާ ދޫކުރަން ކޯޓުން އެންގީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކާ އެއްވެސް ގުޅުމެއްވާ ކަމުގެ ސާފު ހެކި ފުލުހުންނަށް ދެއްކިފައިނުވާ ކަމަށް ބުނެ އެވެ.