ފިލްމު "އެއާލިފްޓް" ސްކްރީންތަކުގައި އެޅުވީއްސުރެ ވަރަށް ކާމިޔާބެވެ. އެ ފިލްމަށް ފުރަތަމަ ފަސް ދުވަސްތެރޭގައި އެކަނިވެސް 72.50 ކުރޯޑު އިންޑިއަން ރުޕީސް ލިބިފައިވެ އެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި 100 ކުރޯޑު ލިބޭނެ ކަމަށް ވެސް އުންމީދު ކުރެވުނެވެ.

އެ އުންމީދު ތަކާ އެއްގޮތަށް އެ ފިލްމަށް މިހާރު ވަނީ 100 ކުރޯޑް ރުޕީސް ލިބިފަ އެވެ. އެ ފިލްމު އެހާ ބޮޑު ކާމިޔާބީއެއް ހާސިލް ކުރީ އެންމެ 10 ދުވަސްތެރޭގަ އެވެ.

އިރާގާއި ކުވައިތުގެ ހަނގުރާމައިގައި، ކުވައިތުގައި ތިބި އިންޑިއާ ރައްޔިތުން ސަލާމަތްކޮށް އަނބުރާ އިންޑިއާއަށް ފޮނުވަން މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ އެ ފިލްމުގައި ލީޑުރޯލުން ފެނިގެންދަނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރާއި ނިމްރަތު ކައުރު އެވެ.

އަކްޝޭ އެ ފިލްމުގައި ފެނިގެންދަނީ ކުވައިތުގައި ދިރިއުޅޭ މުއްސަނދި އިންޑިއާ ރައްޔިތެއްގެ ގޮތުގަ އެވެ. ނިމްރަތު ފެނިގެންދަނީ އަކްޝޭގެ އަންހެނުންގެ ގޮތުގަ އެވެ.

މިދިޔަ މަހު 22 ވަނަ ދުވަހު ރިލީޒް ކުރި އެ ފިލްމު ޑައިރެކްޓް ކުރީ ރާޖާ ކްރިޝްނާ މެނަން އެވެ.