01 Feb 2016, 22:55
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އިން ގަރާރެއް ފާސްކޮށްފި އެވެ.
އެ ގަރާރު ފާސްކޮށްފައި ވަނީ މިރޭ އެމްޑީޕީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ 141 ވަނަ ޖަލްސާގަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެވެ.
ގަރާރަށް ބަހުސް ކުރުމަށްފަހު ޑރ. ޖަމީލާ ގުޅިގެން މަސައްކަތް ކުރުމުގެ އެ ގަރާރު ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި 52 މެންބަރުންގެ ވޯޓުންނެވެ.
އެ ގަރާރުގައި ވަނީ އެމްޑީޕީން ރާއްޖޭން ބޭރުގައި ހިންގާ އެކި ހަރަކާތްތަކުގަ އާއި ރާއްޖޭގެ އެތެރޭގައި ކުރާ އެކި މަސައްކަތްތަކުގައި ޑރ. ޖަމީލު ބައިވެރި ކުރައްވައިގެން މަސައްކަތް ކުރުމަށެވެ.