02 Feb 2016, 09:46
އަންނަ ހުކުރު ދުވަހު އިންޑިއާގައި ފަށާ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ކުޅިވަރު އީދަށް ރާއްޖެއިން މިފަހަރު ދާ ކޮންޓިޖެންޓަކީ ކުޅިވަރު ގޭމްސްއަށް ދާ އެންމެ ކުޑަ ކޮންޓިޖެންޓެވެ.
މިދިޔަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ މިހާތަނަށް ރާއްޖެ އިން މިފަދަ ގޭމްސްއަކަށް ދިޔަ އެންމެ ބޮޑު ކޮންޓިޖެންޓެވެ. ނަމަވެސް މިފަހަރު އެ އަދަދު ވަނީ މަދުވެފަ އެވެ. ކުޅިވަރު އެސޯސިއޭޝަންތައް ހިންގަވަން ތިއްބެވި ބޭފުޅުންނާއި ކުޅުންތެރިންނާއި އެތުލީޓުން ވެސް ވަނީ އެކަމަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ތިން ވަނަ ދުވަހު ކުޅިވަރުގެ ގައުމީ މަޖީލިހުން ފާސްކޮށްފައިވާ ގަރާރުގައި ބައެއް ކުޅިވަރުތަކަށް ގޭމްސް އިން ވާދަ ކުރުމަށް ސަރުކާރުގެ ޚަރަދުގައި ފޮނުވާ ގޮތަށް ނިންމާފައެއް ނުވެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނިންމުމާއި އެސޯސިއޭޝަންތަކާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސޕޯޓްސްއާ ދެމެދު ކުރެވުނު މަޝްވާރާތަކުގެ މަތިން ބައެއް ޓީމުތަކަށް ވަނީ ފުރުސަތު ދީފަ އެވެ.
ކުޅިވަރު މަޖީލީހުން މިދިޔަ މަހު ތިން ވަނަ ދުވަހު ނިންމާފައިވާ ގޮތުން ބާސްކެޓްގެ އެއްވެސް ޓީމަކަށް ފުރުސަތު ދީފައެއް ނުވެ އެވެ. ނަމަވެސް ފަހުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެކު ބާސްކެޓް އަންހެން އަދި ފިރިހެން ޓީމަށް ވެސް ފުރުސަތު ލިބިގެން ދިޔަ އެވެ. އަދި ހޭންޑްބޯލްގެ އަންހެން ޓީމަށް ވެސް ފުރުސަތު ލިބުނެވެ.
ގޭމްސްއަށް ދާނެ ޓީމުތައް ކަނޑައެޅުމުގައި ޔޫތު މިނިސްޓްރީއާއި އޮލިމްޕިކް ކޮމިޓީއާއި ކުޅިވަރު އެސޯސިއޭޝަންތަކާ ދެމެދު ހިތްހަމަނުޖެހުންތަކެއް ފެންމަތިވި އެވެ.
ކުޅިވަރު މަޖީލީހުން ނިންމެވި ނިންމެވުމުގެ ސަބަބުން ގޭމްސްއަށް ސަރުކާރުގެ ޚަރަދުގައި ނުދެވުނު ޓީމުތައް އިންޑިއާގެ ޚަރަދުގައި ފޮނުވުމަށް އޮލިމްޕިކް ކޮމިޓީން އިންޑިއާގެ ސަފީރާއެކު މަޝްވަރާ ކުރި އެވެ.
މިހާ ހިސާބުން ކުޅިވަރު ކުޅުންތެރިންނާއި އެތުލީޓުން ސޯޝަލް މީޑިއާގައި ޔޫތު މިނިސްޓްރީގެ 'ބޮލަށް' އަރަން ފެށި އެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވަނީ އޮލިމްޕިކް ކޮމީޓީން އިންޑިއާގެ ހައިކޮމިޝަނަރާ ބައްދަލު ކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤް (މަރޭ) ވިދާޅުވީ، ގޭމްސްގައި ވާދަ ކުރާ ގައުމުތަކުން އަބަދުވެސް ގޭމްސް ބާއްވާ ޤައުމާ އެކު މަޝްވަރާ ކުރާ ކަމަށެވެ.
އެންމެ ފަހުން ޔޫތު މިނިސްޓްރީން ވަނީ އޮލިމްޕިކް ކޮމިޓީން މަސައްކަތް ކުރަމުންދަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ގޭމްސްއަށް ޓީމުތައް ފޮނުވުމަށް ކަނޑައަޅަން ޖެހޭނީ އޮލިމްޕިކް ކޮމިޓީން ކަމަށް ބުނެފަ އެވެ. އެއީ ހަގީގަތުގައި ވެސް އެކަން އޮންނަން ޖެހޭ ގޮތެވެ.
އެކަމަ ގުޅޭގޮތުން މަރޭ ވިދާޅުވީ، އޮލިމްޕިކް ކޮމިޓީން ވާނީ ގޭމްސްގައި ވާދަ ކުރާނެ ކުޅިވަރުތަކާއި ޓީމުތައް ކަނޑައަޅާފައި ކަމަށެވެ. އެގޮތުން ކުޅިވަރުތަކަށް އަހަމިއްޔަތުކަން ދިނުމުގައި އޮލިމިޕިކް ކޮމިޓީން ބަލާފައި ވަނީ ތިން ކަމަކަށް ކަމަށް މަރުޒޫޤް ވިދާޅުވި އެވެ. އެއީ ގޭމްސްގައި ވަދާ ކުރުމުގެ ފުރުސަތު ޒުވާން އެތުލީޓުންނާއި ކުޅުންތެރިންނަށްދީ ތަޖުރިބާ ހޯދައި ދިނުމާއި ގޭމްސްގައި ވާދަ ކުރާއިރު ދެ ޖިންސްގެ ހަމަހަމަކަން ހޯދައި ދިނުމުގެ އިތުރަށް ކުޅިވަރުތަކުން ކާމިޔާބު ހޯދުން ކަމަށެވެ.
ކުޅިވަރު ގައުމީ މަޖިލީހުން ސަރުކާރުގެ ޚަރަދުގައި ގޭމްސްއަށް ފުރުސަތު ދިނުމަށް ބަލާފައިވަނީ ވޭތުވެ ދިޔަ މުބާރާތް ތަކުގައި ކާމިޔާބު ހޯދާފައިވާ މިންވަރަށެވެ. ނަމަވެސް ކުޅިވަރު މަޖިލީހުގެ ނިންމެވުމާއެކު ގޭމްސްއިން ފުރުސަތު ނުލިބުނު ކުޅިވަރުގެ އެސޯސިއޭޝަނެއްގެ އިސްބޭފުޅަކު ސަން ވިދާޅުވީ، ޓީމުތައް ގޭމްސްއަށް ފޮނުވުމުގައި ކުޅިވަރު ގައުމީ މަޖީލިހުން ބަލަން ވީވަރަށް ބަލާފައި ނުވާ ކަމަށެވެ. އަދި ސައުތު އޭޝިއަން ގޭމްސްއިން ފުރުސަތު ދިނުމުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނުވަތަ އެހެން ކުޅިވަރު މުބާރާތެއްގެ ސްޓޭޓަސްއަށް އެކަނި ބަލައިގެން ނުވާނެ ކަމަށާއި ގޭމްސްއަށް ފުރުސަތު ދިނުމުގައި 2010 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ނަތީޖާ ތަކަށް ބަލަން ޖެހޭނެ ކަމަށެވެ.
"ޔޫތު މިނިސްޓްރީ އިން ނިންމީ މިފަހުން ޓީމުތައް ހޯދާފައިވާ ކާމިޔާބީތަކަށް ބަލައިގެން ކަމަށް ވިދާޅުވީ. ނަމަވެސް ކާމިޔާބަށް ބަލައިގެން ފުރުސަތު ދޭންޖެހޭ ނަމަ ގޭމްސްއިން ފުރުސަތު ލިބެން ނުޖެހޭ ޓީމުތައް ވެސް އެބަހުރި. އަދި އަންހެން އަދި ފިރިހެން ހަމަހަމަ ނޫން ކަން ފާހަގަ ކުރަން. ކުޅިވަރު މަޖިލީހުން އެގޮތަށް ނިންމެވުމުގައި ކުޅިވަރުތަކުން ގޭމްސްއަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް އެސޯސިއޭޝާންތަކާ އެކު ބައްދަލު ކުރުން ރަނގަޅު،" ނަން ހާމަ ނުކުރުމަށް އެދި ސަންއާ ވާހަކަ ދެއްކެވި ކުޅިވަރު އެސޯސިއޭޝަނެއްގެ އިސްވެރިޔަކު ވިދާޅުވި އެވެ.
ނަމަވެސް ޔޫތު މިނިސްޓަރު އަހްމަދު ޒުޙޫރު ވިދާޅުވީ، ކުޅިވަރު މަޖިލީހުން އެގޮތަށް ނިންމި ނަމަވެސް ޖިންސުގެ މެދުގައި ހަމަހަމަކަން ހޯދައިދިނުމަށް އަންހެން ޓީމުތައް ގޭމްސްއަށް ފޮނުވުމަށް ޔޫތު މިނިސްޓރީއާ އެކު ބޭއްވެވި މަޝްވަރާތަކުގައި ރައީސް ޢަބްދުﷲ ޔާމީން ނިންމެވިކަމަށެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ ޚާއްސަ އިނާޔަތާއެކު އެމަނިކުފާނު ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި ހޭންޑްބޯލް އަންހެން ޓީމާއި ގައުމީ އަންހެން ބާސްބޯލް ޓީމާއި، އަންހެން އެތުލެޓިކްސް ޓީމު ގޭމްސްއަށް ފޮނުވުމަށް ނިންމާފަ އެވެ.
ނަމަވެސް ޓެނިސް އަންހެން ޓީމަށް އެފުރުސަތު ލިބިފައެއް ނުވެއެވެ. އެހެންވެ ޓެނިސްގެ އަންހެން ޓީމަށް ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.
އަނެއް ނުކުތާއަކީ ކުޅިވަރުގެ ގައުމީ މަޖީލީހުން އެގޮތަށް ނިންމުމުގައި އޮލިމްޕިކް ކޮމިޓީއާއި ޔޫތު މިނިސްޓްރީއާ ދެމެދު އޮތް ހުޅުގަނޑުގެ ބަދަލު ހިފުމެއް ހެއްޔެވެ. އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ހުންނެވި މުހައްމަދު ޝަވީދަކީ ކުޅިވަރު މިނިސްރީގެ ބައެއް ބޭފުޅުން ގަޔާވާ ބޭފުޅެއް ނޫންކަން އެ މިނިސްޓްރީގެ ދަށުން އޮންނަ ކުޅިވަރު މަޖީލީހުން އެކިފަހަރު މަތިން އޮލިމްޕިކް ކޮމިޓީއާ ގުޅޭ ގޮތުން ފާސްކުރި ގަރާރުތަކުން ހާމަވެއެވެ. އަދި މީޑިއާއަށް ދައުވަތު ދީގެން ކުޅިވަރު އެސޯސިއޭޝަންތަކާ ކުޅިވަރާ ބެހޭ ވުޒާރާއިން ބޭއްވި ބައްދަލުވުމުންވެސް ވަނީ ދެފަރާތުގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފަ އެވެ.
މިއީ ކުޅިވަރުގެ ގައުމީ މަޖިލީހުން އެފްއޭއެމްގެ އިންތިޚާބާއި އޮލިމްޕިކް ކޮމީޓީގެ އިންތިޚާބުވެސް ކުރިމަތީގައި އޮތުމުން އޮލިމްޕިކް ކޮމިޓީ އިތުރަށް ފިއްތާލުމަށް ކުރި ކަމެއްތޯ ސުވާލު ކުރުމުން މަރޭ ވިދާޅުވީ އަބަދުވެސް އެސޯސިއޭޝަންތަކުގެ އިންތީޚާބު އަންނައިރު އެކި ހުރަސްތައް ކުރިމަތިވާ ކަމަށެވެ.
ދެން އޮތީ ނިންމުން ނިންމެވުމުގައި ޔޫތު މިނިސްޓްރީން ގަޔާ ނުވާ ވެރިން ތިއްބެވި އެސޯސިއޭޝަންތައް ނިސްބަތްވާ ކުޅިވަރުތައް ހިމެނޭ ޓީމުތަކަށް ފުރުސަތު ނުދެއްވާ ކަމަށް ކުރެވޭ ތުހުމަތުތަކެވެ. ނަމަވެސް ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ، ގޭމްސްއަށް ޓީމުތައް ތައްޔާރުވެފައިވާ މިންވަރު ހާމަ ކޮށްދިނުމުން ކުޅިވަރުގެ ގައުމީ މަޖިލީހުން ފާސް ކުރި ގަރާރުގައި ނުހިމެނޭ ޓީމުތައްވެސް ސަރުކާރުގެ ޚަރަދުގައި ގޭމްސްއަށް ފޮނުވާގޮތަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޔޫތު މިނިސްޓްރީން ވަނީ ބާސްކެޓްބޯލް އެސޯސިއޭޝަނާ މަޝްވަރާކޮށް ސަރުކާރުގެ ޚަރަދުގައި ބާސްކެޓްބޯލް ޓީމް ގޭމްސްއަށް ފޮނުވުމަށް ނިންމާފައެވެ.
އެހެންވެ ގޭމްސްއަށް ޓީމުތައް ފޮނުވުމަށް ވަކި އެސޯސިއޭޝަނެއްގެ މެދުގައި ތަފާތެއް ގެންގުޅޭފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ހޭންޑްބޯލް އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝާން ވިދާޅުވީ ބާސްކެޓްބޯލްގެ ފިރިހެން ޓީމަށް ގޭމްސްއިން ފުރުސަތު ދިނުމާއެކު ހޭންޑްބޯލްގެ ފިރިހެން ޓީމު ގޭމްސްއަށް ތައްޔާރުވެފައިވާ މިންވަރު ހާމަކޮށްދިނުމަށް ޔޫތު މިނިސްޓްރީއާ މަޝްވަރާ ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުދެއްވުމުން ހޭންޑްބޯލް ފިރިހެން ޓީމަށް ވެސް މުބާރާތުން ފުރުސަތު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެންޑްބޯލް މޯލްޑިވްސްގެ އެ ތުހުމަތުތަކަށް ޔޫތު މިނިސްޓްރީން ބުނެފައި ވަނީ، ހޭންޑްބޯލް މޯލްޑިވްސްގެ ރަސްމީ ހުށަހެޅުމެއް އައިސްފައި ނުވާ ކަމަށެވެ.
މިކަންކަމުން އެނގިގަންދިޔައީ އިންޑިއާގެ ގުވަހަތީއާއި ޝިލޮންގްގައި ބާއްވާ ދެކުނު އޭޝިއާގެ ކުޅިވަރު މުބާރާތުން ދިވެހި ބައެއް އެތުލީޓޫންނާއި ބައެއް ޓިމުތަކަށް ފުރުސަތު ނުލިބުނު ކަމެވެ. ނަމަވެސް އެސޯސިއޭޝަންތައް ހިމެނޭ ގޮތަށް ސަރުކާރު ޚަރަދުގައި ހުރިހާ ކުޅިވަރަކަށް ވެސް ފުރުސަތު ދީފައިވާކަން ފާހަގަކުރެވެ އެވެ.