ޗައިނާގެ އިންވެސްޓަރުން ރާއްޖެއަށް އަންނަނީ ކީއްވެތޯ މީޑިއާއިން ސުވާލުކުރާ ކަމަށާއި އެމީހުން ރާއްޖެއަށް އަންނަނީ ސަރުކާރު ރަނގަޅުވީމާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އާ އަހަރު ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓަރުންނަށް ރަނގަޅު މަންޒިލެއް ކަމަށެވެ.

ޗައިނާގެ އާ އަހަރު ފާހަގަކުރުމުގެ ހަފުލާގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"...މީޑިއާގައި އުޅޭ ގިނަ ބަޔަކު މިސުވާލު ކުރޭ، ރާއްޖޭގައި ޗައިނާގެ އެހާ ގިނަ އިންވެސްޓްމެންޓް އޮތީ ކީއްވެހޭ؟ އެސުވާލުގެ ސާދާ ޖަވާބަކީ ޗައިނާގެ އިންވެސްޓަރުން ރާއްޖެއަށް އަންނަނީ ރާއްޖެ ރަނގަޅުވީމައޭ. މިއީ ހަމަ އިންވެސްޓަރުންނަށް ރަނގަޅު މަންޒިލެއްވީމައޭ. މިތާނގައި ރަނގަޅު ސަރުކާރެއް އެބަ އޮތް. މިތާނގައި ވިޔަފާރިކުރަން ރަނގަޅު މާހައުލެއް އެބަ އޮތް،" ދުންޔާ ވިދާޅުވި އެވެ.

އެހުރިހާ ކަމެއްގެ އިތުރުން، އިންވެސްޓަރުންނަށާއި ބޭރުގެ ބައިވެރިންނަށް އިތުބާރު ލިބިދޭ ރަނގަޅު ސިޔާސަތުތަކެއް ރާއްޖޭން ގެންގުޅޭ ކަމަށް ވެސް މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގެ ރަނގަޅު ރައްޔިތެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް ބާރު ލިބެނީ އެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ބައިނަލްއަގުވާމީ މުޖުތަމައުގެ ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް ބާރު ލިބުނީ މި ސިޔާސަތުތަކުގެ ސަބަބުން. އަދި އެކަމުގެ ސަބަބުން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ފުރިހަމަ ގުޅުން އުފެދުނު،" ދުންޔާ ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ޗައިނާ ސަފީރު ވާން ފޫކާން ވިދާޅުވީ، ޗައިނާގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުންނާ ދެމެދު ހިނގަމުން އަންނަ މުއާމަލާތްތައް އިތުރުވަމުން އަންނަ ކަމަށާއި އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ލިބޭ މުއްސަނދިކަމެއް ކަމަށެވެ. ދެގައުމުގެ ރައްޔިތުންގެ މެދުގައި ހިނގަމުން އަންނަ މުއާމަލާތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފޫކާން ވިދާޅުވީ، ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި ޗައިނާ އޮންނަތާ ވިދިވިދިގެން ހަ އަހަރު ވެފައިވާ ކަމަށެވެ. އަދި ރާއްޖޭން ޗައިނާއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މިރޭގެ ހަފުލާގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ސަރުކާރުގެ ބައެއް އެހެން އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް ގައުމުތަކުގެ ފަރާތުން ރާއްޖޭގައި ތިއްބަވާ ސަފީރުން ވެސް މިރޭގެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.