01 Feb 2016, 20:35
ކޯޓުގެ ހުރުމަތް ކަނޑައިފިނަމަ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭގޮތަށް "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު" އަށް އިސްލާހު ގެނެސްފިއެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ވަނީ އެ ގަވާއިދަށް ގެނައި އިސްލާހު ޝާއިއުކޮށްފައެވެ. އިސްލާހު ގެނެސްފައި ވަނީ އެ ގަވާއިދުގެ 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އަށެވެ.
އިސްލާހު ގެނައި 13 ވަނަ މާއްދާ އަކީ އެ ގަވާއިދުގެ އަދަބު ކަނޑައަޅާފައިވާ މާއްދާ އެވެ. އެގޮތުން އެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކުރި މީހަކަށްދޭ އަދަބަށް ވަނީ ބަދަލުގެނެސްފައެވެ.
އެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގައި ވަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ މެދު ބުނާބުނުމަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ފެންނަގޮތަކަށް ކުރާ ހަރަކާތަކުން ނުވަތަ އެނޫންވެސް ގޮތަކުން ކޯޓު ތެރޭގައި ނުވަތަ ކޯޓުން ބޭރުގައި ވިޔަސް ކޯޓަށް ނުވަތަ ކޯޓުގެ ފަނޑިޔާރަކަށް ރައްދުވާގޮތަށް ކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.
ހަތަރު ވަނަ މާއްދާގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން
- ކޯޓުތަކާ ބެހޭގޮތުން ނުވަތަ އަދުލުއިންސާފުގެ ދާއިރާގެ ނުބައި ތަސައްވުރެއް ދިނުން ނުވަތަ ދޭން މަސައްކަތް ކުރުން.
- ކޯޓުގައި ހިނގަމުންދާ ޝަރީއަތަކަށް ހުރަސްއެޅުން ނުވަތަ ހުރަސްއަޅަން މަސައްކަތް ކުރުން.
- ހިނގަމުންދާ ޝަރީއަތެއްގައި ނުވަތަ މައްސަލައެއްގައި ފަނޑިޔާރަކު އިންސާފުވެރިކޮށް މައްސަލަ ނިންމުމަށް ހުރަސްއެޅޭފަދަ އެއްވެސް އަމަލެއް ނުކުރުން.
- ކޯޓުން ކުރާ ހުކުމަކަށް ނުވަތަ ނެރޭ އަމުރަކަށް ނުވަތަ މިނޫންގޮތަކަށް ވެސް ކޯޓުން އަންގާ އެންގުމަކާ ޚިލާފުވާގޮތަށް ގާނޫނާ ޚިލާފަށް ގަސްދުގައި ކަމެއް ކުރުން.
އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ ގާނޫނުލް އުގޫބާތުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ އަދަބު ދިނުން ނުވަތަ 100،000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް އެ ގަވާއިދުގައި ވެއެވެ.