20 Apr 2011, 10:25
ކުޑަ އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލެއް ހިންގެވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އަނެއްކާ ވެސް ކޯޓުން އިތުރުކޮށްދީފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުންނެވި އާދިލްގެ ބަންދުގެ މުއްދަތު ރޭ އިތުރުކޮށްދީފައި ވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ ހެކި ފޮރުވަން މަސައްކަތްކޮށް، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިތުރުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެތީ ކަމަށެވެ.
ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އާދިލް ބަންދުގައި ބެހެއްޓުމުގެ އަމުރެއް އެންމެ ފަހުން ކޯޓުން ނެރެފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރެ އެވެ.
އާދިލްގެ ބަންދުގެ މުއްދަތު ކޯޓުން 15 ދުވަހަށް އިތުރު ކުރި އިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫފްގެ މެންބަރު އާދިލްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 13 އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގެވި ކަމަށް ބުނާ މައްސަލަ އަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވަނީ އާދިލްގެ ކުރީގެ އަންހެނުން ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ.