01 Feb 2016, 20:57
އިންޑިއާގެ ކޮލެޖަކުން މޫދަށް ގޮސް އުޅުނު 130 ވަރަކަށް ކުދިންގެ ތެރެއިން 13 ކުއްޖަކު މޫދަށް ދަމައިގެންފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިންޑިއާގެ މަހަރާޝްތްރަ ސްޓޭޓްގެ އަވަށެއްގަ އެވެ.
މޫދަށް ކުއްލިއަކަށް ދަމައިގަތް ކުދިންތަކުގެ ތެރެއިން 10 ވަރަކަށް ކުދިން އަދިވެސް ނުފެނެ އެވެ.
އެ ކުދިންތައް ހޯދަން ފުލުހުންނާއި ސަލާމަތީ ބާރުތަކުން އަންނަނީ ކަނޑާއި ވައިގެ މަގުން މަސައްކަތް ކުރަމުންނެވެ.
ސަލާމަތީ ބާރުތަކާ ހަވާލާދީ އިންޑިއާގެ ނޫސް އެޖެންސީތައް ބުނާގޮތުން އެ ސަރަހައްދަކީ އާންމުކޮށް މީހުން ޕިކްނިކް ގޮސްއުޅޭ ސަރަހައްދެކެވެ.
މޫދަށް ދަމައިގަތީ 10 އަންހެން ކުދިންނާއި ތިން ފިރިހެން ކުއްޖެކެވެ.
އެ ކުދިންތައް މޫދަށް ދަމައިގަތް އިރު އެތަނުގައި އެތައް ފަތުރުވެރިންނެއް ވެސް މޫދަށް އެރި އުޅުނުކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.