01 Feb 2016, 20:00
އަންނަ ސީޒަންގައި އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީގެ ކޯޗަކަށް އަންނާނީ މިސީޒަނަށް ފަހު ބަޔާން މިޔުނިކްގެ ކޯޗް ކަން ދޫކޮށްލާން ނިންމާފައިވާ ސްޕެއިންގެ ޕެޕް ގާޑިއޯލާ ކަމަށް މެންސިޓީން ބުނެފިއެވެ.
ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މެންސިޓީން މިއަދު ނެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސީޓީގެ ކޯޗް ކަމަށް ގާޑިއޯލާ ގެނައުމަށް 2012 ވަނަ އަހަރު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އަދި ގާޑިއޯލާ މެންސިޓީގެ ކޯޗް ކަމަށް ގެނައުމަށް މިހާރު އެ ކްލަބްގެ ކޯޗަކަށް ހުރި ޗިލީގެ މެނައުލް ޕެލެގްރިނީ ވެސް ސަޕޯޓް ކުރާ ކަމަށެވެ.
ނަމަވެސް ޖަނަވަރީ ނުވަ ވަނަ ދުވަހު އެފްއޭ ކަޕްގައި ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗްގެ ޕްރެސް ކޮންފަރެންސް ނިންމާލަމުން ޕެލެގްރީނީ ވަނީ މެންސިޓީގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭކަން ހާމަވާ ފަދަ ގޮތަކަށް ވާހަކަ ދައްކާފައެވެ.
ނޫސް ކޮންފަރެންސް ނިންމާލަމުން ޕެލެގްރިނީ ބުނީ، އޯގަސްޓްގައި އޭނާގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އިތުރު ކޮށް 2017 ވަނަ އަހަރު ޖޫން ގައި ކޮންޓްރެކްޓް ހަމަވާގޮތަށް އެއްބަސްވުމުގައި ސޮއި ކުރި ކަމަށާއި ނަމަވެސް އެގްރިމެންޓްގައިވާ މާއްދާއިން އެ އެގްރިމެންޓަށް އަމަލު ނުކުރުމުގެ ބާރު ކްލަބަށާއި އޭނާއަށްވެސް ލިބިގެންވާ ކަމަށެވެ.
އެހެންވެ ކުލަބުން ނިންމީ އަލަށް ހެދުނު އެގްރިމެންޓަށް އަމަލު ނުކުރުމަށެވެ.
ޕެލެގްރިނީ ބުނީ، އޭނާގެ ދައުރުގައި ކްލަބުން އިތުރަށް ޓީމު ހަރުދާނާ ކުރުމަށް މާބޮޑު މަސައްކަތް ނުކުރާކަން މީ ވޭތުވެދިޔަ އެއް މަސްތެރޭ އެނގިގެން ދިޔަކަމެއް ކަމަށެވެ.