އިންޑިއާގައި ދުއްވަމުންދިޔަ ރޭލެއްގެ ކުރިމައްޗަށް އަރައި ސެލްފީ ނަގަން އުޅުނު 16 އަހަރުގެ ކުޑަކުއްޖަކު ރޭލު ދަށުވެ މަރުވެއްޖެ އެވެ.

އިންޑިއާގެ ދެކުނުގައި އޮންނަ ޗެންނާއީ ސިޓީގައި އިއްޔެ ހިނގި އެ ހާދިސާގައި ސެލްފީ ނަގަން އުޅުނު ކުއްޖާ ރޭލު ދަށުވެ މަރުވެފައިވަނީ، ރޭލާއެކު ސެލްފީ ނަގަން ރޭލު ދަގަނޑު މައްޗަށް އަރައި، ރޭލު އައުމުގެ ކުރިން ރޭލު ދަގަނޑު މަތިން ނުފޭބިގެންނެވެ.

ރޭލު ކައިރިއަށް އަންނަންދެން އޭނާ ރޭލު ދަގަނޑު މަތީގައި މަޑުކުރި ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"އެއީ ވަރަށް ގަބޫލުކުރަން ދަތި ހާދިސާއެއް. ވަރަށް ގިނަ ޅަކުދިން މިހާރު ވަނީ ސެލްފީ ނަގަން ދެވިހިފާފައި،" ރެއިލްވޭ ޕޮލިސް އޮފިސަރު އެސް. ރަމުތައި ބުނެފައިވެ އެވެ.

އިންޑިއާގައި ސެލްފީ ނަގަން އުޅެނިކޮށް ކުއްޖަކު މަރުވެފައި މިވަނީ، މިދިޔަ މަހުގެ ކުރީކޮޅު މުމްބާއީގައި ސެލްފީއެއް ނަގަން އުޅުނު 18 އަހަރުގެ އަންހެން ކުއްޖަކު މޫދަށް ވެއްޓި ގެނބިގެން މަރުވި ހާދިސާއަށްފަހު، އެ ސިޓީގެ 15 ސަރަހައްދެއްގައި ސެލްފީ ނެގުން މަނާކޮށްފައިވަނިކޮށެވެ.

މައުލޫމާތު:އޭއެފްޕީ