މައިބަދައިގެ ބޭސްފަރުވާއަކަށް އިނގިރޭސި ވިލާތަށް މިހާރު ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ނަޝީދު ޝަރްމާއާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް ނުލިބެ އެވެ. ނަޝީދު ވަނީ އެ ބައްދަލުވުން ބޭއްވުނުކަން އެމަނިކުފާނުގެ ރަސްމީ ޓުވިޓާ އެކައުންޓުން ޓުވީޓަކުން އަންގަވާފަ އެވެ.

ނަޝީދު ވަނީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާ ވެސް ކުރިން ބައްދަލު ކުރައްވައިފަ އެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ އެމަނިކުފާނުގެ ބޭސް ފަރުވާ އަށް ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.