މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޒިކާ ވައިރަސް ރާއްޖޭގައި ފެތުރިފައިވޭތޯ ބެލުމަށް އާންމު ރައްޔިތުންގެ ހަށިގަނޑުން ސާމްޕަލް ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހެޑްއޮފް ސަވައިލެންސް އިބްރާހިމް ނިޝާން އަހުމަދު މިއަދު ސަން އަށް ވިދާޅުވީ، ބެންކޮކްގެ އާމްޑް ފޯސަސް ރިސާޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެފްރިމްސް)ގެ އެހީތެރިކަމާއެކު މަސައްކަތް ކުރާނެ ގައިޑުލައިނެއް ވަނީ އެކުލަވާލާފައި ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަކި އަލާމާތްތަކެއް ފެންނަ ފަރާތްތަކުގެ ސާމްޕަލް ނަގައި ޒިކާ ވައިރަސްތޯ ޓެސްޓުކުރުމަށް ބެންކޮކަށް ފޮނުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ސަރަހައްދުތަކުން ސާމްޕަލް ކަލެކްޓް ކުރާނީ. ކަލެކްޓު މިކުރަނީ ހަމަ ވަކި އަލާމާތްތަކަކަށް ބަލާފައި،" ނިޝާން ވިދާޅުވިއެވެ.

ސާމްޕަލް ނަގަނީ ތިރީގައި މިވާ އަލާމާތްތައް ފެންނަ މީހުންގެ ގައިން:

  • އާދައިގެ ހުމެއް ހުރުން،

  • އާންމުކޮށް ލޯރަތްވުން،
  • ގައިގައި ރަތް ބިހިނެގުން

މިހާތަނަށް ރާއްޖެއިން ޒިކާ ވައިރަސް ފެނިފައި ނުވާ ކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

ޒިކާ ވައިރަސް އަކީ ޑެންގީ އާއި އެއް އާލައިލާއެއްގެ ވައިރަސް އެކެވެ. އެބަލީގެ އަލާމާތްތައް ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގައި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެ އެވެ. ޑެންގީ ބަލީގައި ހުންގަދަވުމާއި ވަރު ދެރަވުމާއި އެޑްމިޓް ކުރަން ޖެހޭ މިންވަރު މިބަލީގައި ދަށް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެ އެވެ. އެ ބައްޔަށް ހާއްސަ ފަރުވާއެއް އަދި ރައްކާތެރިވުމަށް ވެކްސިނެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މަދިރިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ލަފާދެ އެވެ.