01 Feb 2016, 19:30
ދައުލަތުގެ އެކި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާއި އެހެންވެސް ބޭނުންތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރެވިފައިވާ މައްސަލަތަކާއި ތަހުގީގު ހިންގަމުންދާ މައްސަލަތަކާ ބެހޭގޮތުން ދައުލަތުގެ އިދާރާތަކަށާއި އާއްމު ފަރާތްތަކަށް ރެކޯޑު ސާފުކޮށްދޭ ގޮތުގެ އުސޫލު އެ ކޮމިޝަނުން އާއްމު ކޮށްފިއެވެ.
މިއަދު އާއްމު ކުރި އެ އުސޫލުގައި ބުނާ ގޮތުން، އެ ކޮމިޝަނަށް ރެކޯޑު ސާފު ކުރުމަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި އަމިއްލަ ރެކޯޑު ސާފު ކުރުމަށް އެދި އެމީހަކު އަމިއްލައަށްވެސް ހުށަހެޅޭނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ، ރެކޯޑު ސާފު ކުރުމަށް ދައުލަތުގެ އިދާރާއަކުން ހުށަހަޅައިފި ނަމަ އެ އިދާރާއިން އެދިފައިވާ މުއްދަތުގެ ތެރޭގައި ރެކޯޑު ސާފު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.
އަދި ރެކޯޑު ސާފު ކުރުމަށް އަމިއްލަ ފަރާތަކުން ހުށަހަޅައިފި ނަމަ ފޯމު ހުށަހަޅާތާ ތިން ގަޑި އިރު ތެރޭ ރެކޯޑު ސާފު ކުރެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.
އެ އުސޫލުގައި ބުނާގޮތުން، ރެކޯޑު ސާފު ކުރުމަށް ހުށަހަޅާއިރު ސާފު ކުރާނެ ވަކި މުއްދަތެއް ކަނޑަނާޅާ ނަމަ، އެ ފަރާތުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިތާ ފަސް އަހަރު ނުވާ ފަރާތްތަކުގެ ރެކޯޑެއް އޮތް ކަމަށް ބެލެވޭނެ އެވެ.
އަދި ރެކޯޑު ސާފު ކުރުމަށް ހުށަހަޅާއިރު އެ ފަރާތުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިތާ ފަސް އަހަރު ވެފައިވާނަމަ އެ ފަރާތުގެ ރިކޯޑެއް ނެތް ކަމަށް ބެލެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.
މިއަދު އާއްމު ކުރި އުސޫލަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށްވެސް އޭސީސީ އިން ބުނެއެވެ.