01 Feb 2016, 16:30
ހައްޔަރުކުރިތާ 102 ދުވަސް ފަހުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އަބްދުﷲ ޒިޔަތު މިއަދު ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ޒިޔަތު މިއަދު ވަކި ކުރައްވާފައިވާ ކަމަށެވެ.
Effective 1 February 2016, PCB has dismissed Abdulla Ziyath H.Aahama from the Managing Director post of MMPRC.
— Mohamed Nizar (@nixaar)February 1, 2016
ޒިޔަތު ބަންދުގައި ހުރި ދުވަސްތަކުގައި އޭނާގެ މުސާރަ ހިނގާނެތޯ ނިޒާރަށް "ސަން" އިން ދެންނެވުމުން ނިޒާރު ވިދާޅުވީ އެކަމާ ގުޅިގެން ބޯޑުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.
ޒިޔަތު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23ވަނަ ދުވަހު އެވެ. ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ކުރިން ވަނީ ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓުއަމުރުގެ ދަށުން ބަލައި ފާސްކޮށްފަ އެވެ. އަދި އެ ގެއިން ފުލުހުން ވަނީ ބައެއް ތަކެތި ގެންގޮސްފަ އެވެ.
ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ހަމައެއާ އެކު ފުލުހުން ވަނީ އެމްއެމްޕީއާރްސީގެ އޮފީސް ވެސް މިދިޔަ އަހަރުގެ އޮކްޓޯބަރުގެ 17 ވަނަ ދުވަހުގެ ރޭ ބަލައި ފާސްކޮށްފަ އެވެ. އޭގެފަހުން ފުލުހުން ވަނީ ހަތަރު ފަހަރެއްގެ މަތީން ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލައިފަ އެވެ. އެއީ އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވުމުގެ ދައުވާއަކާއި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވުމުގެ ދައުވާގެ އަޑު އެހުންތައް ވަނީ ފަށައިފަ އެވެ.
ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އެމްއެމްޕީއާރްސީން ކުއްޔަށް ދިނުމުން، އެކަމުގެ އަގުގެ ގޮތުގައި އެ ކުންފުނީގެ ފަރާތުން ދައުލަތަށް ދެއްކި 1،000،000 ޑޮލަރުގެ ޗެކަކާ ޒިޔަތު ހަވާލުވެ، އެ ޗެކުގައިވާ ފައިސާ ދައުލަތަށް ލިބިފައި ނުވާތީ އެވެ.
ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.