ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާ ހިނގި ގޮތުގެ ތަޙުގީގު އަވަސް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލިފާނުގެ ހާދިސާ ފަދަ، ރައްޔިތުންގެ އަސާސީ ހިދުމަތްތައް މެދުކެނޑި ރައްޔިތުންނަށް ނަފްސާނީ ބިރުވެރިކަން ތަހައްމަލު ކުރަން ޖެހި ރައްޔިތުންނާއި ދައުލަތަށް މާލީ ގޮތުން ފޫނުބެއްދޭވަރުގެ ގެއްލުން ލިބެނިވި ހާދިސާތައް ރާއްޖޭގެ އެއްވެސް ރަށެއްގައި ހިނގުމަކީ އެ ކޮމިޝަނުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

ހުސްވި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އެއިންޖީނުގޭ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެއާ އެކު އެރަށުން ވަނީ ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފަ އެވެ. އެރަށަށް އަލުން ކަރަންޓު ދޫކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެހެންކަމުން އެޗްއާރްސީއެމް އިން ވަނީ އެއީ މީހަކު ނުވަތަ ބަޔަކު މީހުން ގަސްތުގައި ހިންގި އަމަލެއްތޯ ބަލައި، އެފަދަ ގޮތަކަށް ކަން ހިނގާފައިވާ ނަމަ، އެކަން ކުރި ބަޔަކާ މެދު ރާއްޖޭގެ ގާނޫނުތަކުގެ ފުރިހަމަ މާނައިގައި ވީހާ ވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަވިސަސް އަށާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލައިފަ އެވެ.

"އަދި ކުރިމަގުގައި މިފަދަ ހާދިސާތައް އިތުރަށް މެދުވެރިވިޔަ ނުދިނުމަށް ޓަކައި ކަރަންޓާއި ފެން އަދި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާއި އިދާރާތަކުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށް މިފަދަ ތަންނަނުގެ ސެކިއުރިޓީ ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް ބެލެހެއްޓުމަށް ވެސް މި ކޮމިޝަނުން ގޮވާލަމެވެ." ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމް އިން ވަނީ ތިނަދޫގެ އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓުގެ ހިދުމަތް ކެނޑި އަދި ރަށުން ސާފުބޯފެން ހުސްވެދާނެ ކަމުގެ ބިރުވެރި ހާލަތުން ތިނަދޫގެ ރައްޔިތުން ސަލާމަތްކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާއި ދައުލަތުގެ މުއައްސަސާތަކާއި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ތިނަދޫގެ ކެތްތެރި ރައްޔިތުންނާ ގުޅިގެން ކުރި މަސައްކަތަކީ އިންސާނީ ޚިދުމަތުގެ ލާމަސީލު ނަމޫނާއެއްކަމުގައި ދެކޭ ކަމަށް ވެސް ބުނެފަ އެވެ.